ޚަބަރު

ޕާޓީތަކުގެ ދަފްތަރާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


  • ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 173،747 މެންބަރުން އެބަތި

  • ފުރުސަތު ހުޅުވާލީ އަންނަ ފެބްރުއަރީ މަހުގެ 10ވާ ހޯމަ ދުވަހުގެ މެންދުރު 3:00އާ ހަމައަށް

ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ. އެ ކޮމިޝަނުން މި ފުރުސަތު ހުޅުވާލައްވާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 10ވާ ހޯމަ ދުވަހުގެ މެންދުރު 3:00އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓް އާންމުކުރައްވާފައެވެ. ޝަކުވާގެ ފުރުސަތު އާންމުންނަށް ހުޅުވާލައްވާފައިވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުންގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޝަކުވާ ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއާއި، ސާފު ފޮޓޯއަކާއެކު އިލެކްޝަންސް ކޮމިޝަންގެ ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ހުށަހަޅަންވާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މައި އިދާރާއަށް ގޮސްގެންވެސް ޝަކުވާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ ކޮމިޝަނުން ވަނީ ހަމަޖައްސަވާފައެވެ. މައި އިދާރާއަށް ގޮސް ޝަކުވާ ހުށަހެޅޭނީ ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައިވާ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 173،747 މެންބަރުން އެބަތިއްބެވެ.