ޚަބަރު

ސައުދީ އާއި ރާއްޖެއާ ދެމެދު ޙައްޖު އެއްބަސްވުމުގައި ސޮއިކޮށްފި


  • އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ވަނީ ބަޔާންކުރައްވާފައި

  • މިއީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި ޢުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއެވެ.

މި އެއްބަސްވުމުގައި ޙައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލުތައް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ޙައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖޭން ޙައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ޙައްޖު މޫސުމުގައި ރާއްޖޭގެ ޙައްޖު މިޝަން ޤާއިމު ކުރުންފަދަ މުހިންމު ކަންކަން ވަނީ ބަޔާންކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ޙައްޖު މަހާ ދިމާކޮށް މިއެއްބަސްވުމުގައި ރާއްޖެއާއި ސައުދީއާ ދެމެދު ސޮއިކުރެއެވެ. މިއީ ރާއްޖޭން ޙައްޖަށްދާ ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސޮއިކުރެވޭ އެއްބަސްވުމެކެވެ.

ދިވެހި ޙައްޖާޖީންގެ އިންތިޒާމްތައް ރަނގަޅުކޮށް، ހަރުދަނާކުރުމަށްޓަކައި ދިވެހި ސަރުކާރުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު އިތުރުކުރުމަކީވެސް ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން ރާއްޖޭން މީހުން ޙައްޖަށް ފޮނުވުމަށް ލިބޭ ކޯޓާގެ އަދަދު 2000އަށް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ އިތުރުން ވަޒީރު ޝަހީމް ވަނީ ސަޢުދީގެ ޙައްޖު އެންޑް އުމްރާ ވަޒީރު ޑރ. ތައުފީޤު ރަބީޢާ އާ ބައްދަލުކުރައްވައި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ސަޢުދީގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާ ވަނީ ޙައްޖާގުޅޭ ކަންކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަހަރު ޙައްޖު އެގްރީމެންޓްގައި ސޮއިކުރައްވާނެއެވެ. އަދި ސަޢުދީގައި އޮންނަ ޙައްޖު މައުރަޒުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.