ޚަބަރު

ވެސްޓް ހޭމްގެ ކޯޗުކަމަށް ގްރަހަމް ޕޮޓާ


ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމަށް އިނގިރޭސިވިލާތުގެ ގްރަހަމް ޕޮޓާ ހަމަޖައްސާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބްރައިޓަންގެ އިތުރުން ޗެލްސީއަށް ކުރިން ކޯޗު ކޮށްދިން ގްރަހަމް ޕޮޓަރ ވެސްޓްހޭމް ގެ ކޯޗު ކަމުގެ މަގާމަށް ހަމަޖައްސަނީ ކުރިން އެ މަގާމުގައި ހުރި ސްޕެއިންގެ ޖޫލެން ލަޕޮޓޭގް އެ މަގާމުން ވަކި ކުރުމަށްފަހުގަ އެވެ.

ލަޕޮޓޭގް ވެސްޓްހޭމް ގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ މިދިޔަ މެއި މަހު ޑޭވިޑް މޯޔެސް މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ލަޕޮޓޭގްގެ އިރުޝާދުގެ ދަށުން އެ ކްލަބަށް އެދެވޭ ކާމިޔާބީއެއް ހޯދިފައިނުވާ ކަމަށް އެ ކްލަބުން ބުނެފައިވާއިރު ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅެފައިވާ 20 މެޗުން އެ ޓީމަށް ލިބިފައިވާ 23 ޕޮއިންޓާއެކު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ވެސްޓްހޭމްގެ ކޯޗު ކަމާއި އުމުރުން 49 އަހަރުގެ ޕޮޓަރ ހަވާލުވަނީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާ ކޯޗު ކަމަށް ހަމަޖެއްސުމުގެ ކުރިން ވެސްޓްހޭމް އިން ވަނީ އޭސީ މިލާނުގެ ކުރީގެ ކޯޗު ޕައުލޯ ފޮންސޭކާ އާއިވެސް ވާހަކަ ދައްކާފަ އެވެ.

2023 ވަނަ އަހަރު ޗެލްސީގެ ކޯޗު ކަމުން ޕޮޓަރ ވަކިކުރި ފަހުން އޭނާ އަދި އެއްވެސް ޓީމަކަށް ކޯޗު ކޮށްދީފައެއް ނުވެއެވެ. ޗެލްސީ އާއި ޓެޑް ބޮއެލީ ހަވާލުވުމަށްފަހު ކޯޗެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސި ޕޮޓަރ އެ ކްލަބުގައި ހޭދަކޮށްފައިވަނީ ހަތް މަސް ދުވަހެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖެއްސުމުގެ ކުރިން ޕޮޓަރ އާއި އިނގިރޭސި އެފްއޭ އިން މަޝްވަރާކުރި ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އޭރު އިނގިރޭސިވިލާތުގެ ޓެލެގްރާފަށް ދީފައިވާ އިންޓަރވިއުއެއްގައި ޕޮޓަރ ބުނެފައިވަނީ ގައުމީ ޓީމަކަށް ކޯޗުކޮށްދިނުމަށްވުރެ ކްލަބް ފުޓްބޯޅައިގެ ތެރޭގައި އުޅުން މާ ރަގަޅު ކަމަށެވެ.