މިސްކިތަކީ މި ބިންމަތީގައި މާތް ﷲ ލެއްވެވި އެންމެ މާތް ތަނެވެ. އެއީ އެކަލާނގެ ގެކޮޅެވެ.
މިސްކިތްތައް ފަޅުވިޔަ ނުދީ، އެފަދަ ބިނާތަކުގެ ހުރުމަތް ހިފަހައްޓަން މަސައްކަތް ކުރުމަކީ މުޅި މުސްލިމް އުއްމަތުގެ މައްޗަށް ވާޖީބުވެގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢަށް ބަލާލާއިރު، މިސްކިތްތައް ވީރާނާވިޔަ ނުދީ، މިސްކިތްތަކުގެ އާބާތުރަ ފިލުވާ، މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިންނަކީ ޒަމާނުންސުރެއް ފާހަގަކޮށްލެވޭ ބައެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުންނާއި، ބައެއް އަމިއްލަ ފަރާތްތަކުން އިމާރާތްކުރައްވާފައިވާ މިސްކިތްތައް، މަރާމާތުކޮށް، އެތަންތަން ބެލެހެއްޓުމަށް ދަޢުލަތުގެ ބަޖެޓުން ކުރާ ޚަރަދާއި އެއްވަރަށް، މިސްކިތްތައް އަމިއްލަ ފަރާތްތަކުން ވެދެއްވާ ދީލަތި އެހީތެރިކަންވެސް މަދެއް ނޫނޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ވަކި ވަކި ފަރުދުންނާއި، އަމިއްލަ ޖަމިއްޔާ، ޖަމާޢަތް އަދި ވިޔަފާރިން ހިމެނޭހެން މިސްކިތްތަކުގެ އާބާތުރަ ފިލުވާ، މަރާމާތުކުރުމަށް އެކިގޮތްގޮތުން ގިނަ އަދަދެއްގެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއެވެ.
img:http://s2.psmnews.mv/images/660x400/14674708261472.jpg|މިސްކިތެއްގެ އެތެރެ- ފޮޓޯ: ޕީއެސްއެމް
މިއީ މާތް ﷲ ގެ މަގުގައި ކުރެވޭ ހޭދައަކަށްވުމުން، މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށް ކަނޑައެޅިގެން ވަކި އުސޫލެއް ނުވަތަ ޤަވާއިދެއް ހެދިފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު މުސްތަފާ ވިދާޅުވީ، މިސްކިތްތަކަށް ތަކެތި ހަދިޔާކުރައްވަން ބޭނުންވާ ފަރާތަކަށް އެ މިނިސްޓްރީއިން އެއްވެސް ހާލެއްގައި ހުރަހެއް ނާޅުއްވާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އަބަދުވެސް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި، މިނިސްޓްރީއިން އެފަދަ ކަންކަމަށް މަރުޚަބާ ކިޔާކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މުޙައްމަދު މުސްތަފާ ވިދާޅުވީ، މިސްކިތްތަކަށް ތަކެތި ހަދިޔާކުރައްވަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ނަމަ، އެ މިނިސްޓްރީގައި ދެންނެވުމުން އެކަމުގެ ހުއްދަ ދެއްވާނެކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ، އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކުރައްވާ އެފުރުޞަތު އެފަރާތްތަކަށް ލިބިގެންދާނެކަމަށެވެ.
img:http://s2.psmnews.mv/images/660x400/14674709132602.jpg|މިސްކިތެއްގެ އެތެރެ- ފޮޓޯ: ޕީއެސްއެމް
މިސްކިތްތަކަށް ތަކެތި ހަދިޔާކުރެއްވުމުގައި ދީނީގޮތުން ހުރި ފައިދާތަކާއި ގުޅޭގޮތުން ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން އިސްލާމީކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވީ، ﷲ ގެ ނަމުގައި ހޭދަކުރުމަކީ ވަރަށް މަތިވެރި ސަވާބާއި، ދަރުމަށް އެމީހަކަށް ލިބޭނެ ޢަމަލެއްކަމަށް. ޚާއްސަގޮތެއްގައި މިސްކިތްތަކަށް ތަކެތި ހަދިޔާކުރުން ފަދަ ޞަދަޤާތް ޖާރިޔާ ނުވަތަ ދެމިގެންވާ ޞަދަޤާތުގެ ގޮތުގައި ބެލެވޭ ކަންކަން ކުރައްވާ ފަރާތްތަކުގެ ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާކަމަށް އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވި.
ދިވެހިރާއްޖެއަކީ މުސްލިމް ޤައުމަކަށްވެފައި، މިސްކިތްތަކަށް އެހީތެރިވުމަކީ މުހިންމުކަމަކަށް ވުމާއެކު، ދިވެހިންގެ ތެރެއިން ފޯރުންތެރިން، މިސްކިތްތައް ބިނާކޮށްދިނުމާއި މިސްކިތްތައް މަރާމާތުކުރުމާއި މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަންވެސް އިތުރުވަމުން އަންނާތީއާއި ފޯރުންތެރިން އިތުރުވަމުން އަންނާތީ މިފަދަ އެހީތައް ދޭ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
މިސްކިތްތައް ބިނާކޮށްދިނުމުގެ އިތުރަށް ދޭ އެހީތަކުގެ ތެރޭގައި، މިސްކިތުގައި ދޫލައަޅައިދިނުމާއި، މަރާމާތުކުރުމާއި، ކުލަލުމާއި، މިސްކިތަށް އަރާ މީހުން ބޭނުންކުރަންޖެހޭ އެކި ބާވަތުގެ ތަކެތި ހަދިޔާކުރުމަކީވެސް ކުރަމުން އަންނަ ކަމެކެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ، މާތް ﷲ ގެ ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެންނެވެ. ދެއްކުންތެރިކަމަކީ މިފަދަ މަތިވެރިކަންކަމުގައި އޮންނަ ކަމެއް ނޫންނެވެ.