ޚަބަރު

މާލެ-ހުޅުމާލޭ، ކަރަންޓު ވިއުގަ ޑިޒައިންކުރުމަށް ހަވާލުކޮށްފި


މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމަށް ބޭނުންވާ ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމަށް އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ "ސީމަންސް"އާ ޙަވާލުކުރައްވައިފިއެވެ.

މި މަސައްކަތް އެކުންފުންޏާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމަށްޓަކައި މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. ސީމަންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރ މާރކް ލޫނެވެ. މި މަސައްކަތަށް ގާތްގަނޑަކަށް ތިންސަތޭކަ ހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޚަރުދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމުގެ މަޝްރޫޢަކީ އިޢާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރެއްވުމާއި، ޑީސަލުން ކަރަންޓް އުފައްދާ ނިޒާމްތަކުގެ އެފިޝަންސީ އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އަޅުއްވާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މާލޭގައި ކަރަންޓް ދިނުމުގައި ސްޓެލްކޯއަށް މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ލިބި، މި ސަރަޙައްދަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ އިތުރަށް ކުޑަކުރެވޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުއްޝުކޫރު ޞާލިޙް ވިދާޅުވީ، މިއީ އެކުންފުނީގެ ޕަވަރ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ ވަރަށްވެސް މުހިއްމު ބޮޑު ޕްރޮޖެކްޓެއްކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ ގުޅާލުމުން، މާލެއާއި ދާދި އެއްފެންވަރުގެ ޕަވަރހައުސްތަކެއް ހުޅުމާލޭގައިވެސް ޤާއިމުކުރެވިގެންދާނެ ކަމަށާއި، ހަމައެހެންމެ ހުޅުލެވެސް މި ވިއުގައާއި ގުޅާލުމަކީ އަމާޒެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މި ދެރަށް ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަތިން އަޅާ ހައިވޯލްޓޭޖް ކޭބަލެއް މެދުވެރިކޮށެވެ. މި ކޭބަލާއި އަދި މިއާއި ގުޅިގެން ބެހެއްޓޭ ސަބްސްޓޭޝަންތަކުގެ ސަބަބުން މާލެއާއި ހުޅުމާލެއަށް ކަރަންޓްދިނުމަށް ޤާއިމުކުރެވިފައިވާ ވަޞީލަތްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމަށް ބޭނުންވާ ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓްތައް މިއަހަރުގެ އޮކްޓޯބަރމަހުގެ ނިޔަލަށް ނިންމަންޖެހެއެވެ. ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓްތަކުގެ މަސައްކަތް ނިމުމާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލުމުގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯއްދަވަން އިޢުލާން ކުރައްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.