މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންނަމަ އަޅުގަނޑުމެންގެ މުޖުތަމަޢު، އިސްލާމީ ރިވެތި އަޚްލާޤަށް ރުޖޫޢަވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ނޭޝެނަލް ޑްރަގް އެޖެންސީން ބޭއްވެވި ޖަލްސާގައި ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޢަބްދުﷲ ޖިހާދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަށް ޤައުމުގެ އެންމެން ސަމާލުވާންޖެހޭކަމަށާއި، އެންމެން ގުޅިގެން ނޫނީ މިކަމުން މުޖުތަމަޢު ސަލާމަތް ނުކުރެވޭނެކަމަށެވެ.
މި ވަބާއިން ދަރިން ސަލާމަތްކުރުމަށްޓަކައި މައިންބައިންނާއި ޓީޗަރުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ނައިބްރައީސް ވިދާޅުވީ، މިކަމުން ދަރިން ސާލާމަތްކުރުމަށްޓަކައި ފުރާވަރަށް އަޅައިގެން އަންނައިރު ދަރިން ގުޅުންބާއްވަނީ ކޮން ބަޔަކާތޯ ވަރަށް ގާތުން ބައިންބަފައިންނާއި ބެލެނިވެރިން ބަލަންޖެހޭކަމަށާއި، އަދި ސްކޫލްގައި ދަރިވަރުން އުޅޭނޫޅޭގޮތް ޓީޗަރުންވެސް ވަރަށް ގާތުން ބަލަންޖެހޭކަމަށް ނައިބްރައީސް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ނޭޝެނަލް ގްރަގް އެޖެންސީގެ ބޯޑުގެ ޗައަރމަން ލެފްޓިނެންޓް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވިދާޅުވީ، ނޭޝެނަލް ގްރަގް އެޖެންސީގެ ބެއްލެވުމުގެ ދަށުން މިހާރުވެސް ހަސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަކަމަށާއި އަދި އެ ސެންޓަރުގައި ޖާގައިގެ ދަތިކަމުގެ ސަބަބުން ފަރުވާނުދެވި ހަމަ އެދަދަށް މީހުން ކިއުގައި އެބަތިބިކަމަށެވެ. މިކަން ޙައްލުކުރެއްވުމުގެ ގޮތުން އާ ކޮމިނިއުނިޓީ ސެންޓަރެއް އެޅުއްވުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވައި، އަންނަ އަހަރު މި ސެންޓަރ ހުޅުއްވާނެކަމަށް ޑރ. ޢަލީ ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން އަތޮޅުތަކުގައި ޤާއިމްކުރައްވާފައިވާ އެ އެޖެންސީގެ ސެންޓަރުތައް ކުރިއަށްއޮތްތަނުގައި އިތުރުކުރައްވާނެ ކަމަށާއި އަދި ޖަލުތަކުގައި ތިބި ޤައިދީންނަށް، ކަރެކްޝަނަލް ސަރވިސްއާ ގުޅިވަޑައިގެން ރިހިބިލިޓޭޝަން ފަރުވާދެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ޑރ. ޢަލީ ޝާހިދު ވިދާޅުވިއެވެ. މިޖަލްސާގައިވަނީ ވޭތުވެދިޔަ އަހަރު ނޭޝެނަލް ގްރަޤް އެޖެންސީއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެފަރާތްތަކަށް ހަނދާނީ ފިލާ ދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޢަބްދުﷲ ޖިހާދެވެ.
މި ޖަލްސާގައި ވަނީ ނޭޝެނަލް ޑްރަޤް އެޖެންސީގެ މިއަހަރުގެ ޝިޢާރު ލޯންޗްކޮށްދެއްވާފައެވެ. އެ އެޖެންސީގެ މިއަހަރުގެ ޝިޢާރަކީ "ފަރުވާގެ ހަރުދަނާކަން-ކާމިޔާބީގެ އަސާސް" މި ޝިޢާރު. މިޖަލްސާގައި ވަޒީރުންނާއި ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސަކަތްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެފައިވެއެވެ.