ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ވެރިކަމާ ޙަވާލުވި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސާ) އެކު ހުޅަނގުގެ ބާރުތަކުން މަޝްވަރާތައް ފަށާފައިވާ ކަން ހާމަވެއްޖެއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތަކުން ދިމިޝްޤަށް އެރުމާ އެކު، އަސަދު ވަނީ ޢާއިލާއާ އެކު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި، ޙިމާޔަތް ހޯއްދަވާފައެވެ.
އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު އެކުލަވައިލާފައިވާ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ޙަވާލު ކޮށްފައި ވަނީ މުޙައްމަދު އަލް-ބަޝީރާއެވެ. އޭނާއަކީ، ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން އެކުވެ ޤާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިޔާއެވެ. ޙުކޫމާތު އަލް-އިންޤާޒު އަލް-ސޫރިއްޔާ ނުވަތަ ސީރިޔަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ) އުފައްދާފައި ވަނީ އެޗްޓީއެސްގެ ބައިވެރިވުމާ އެކުގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެޗްޓީއެސުން ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރާ އެކު މަޝްވަރާތައް ބޭއްވުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ އެންމެ ބޮޑެތި އަދި ބާރުގަދަ ޤައުމުތައް ހިމެނޭ ކަމުގައެވެ. މި ކަމަށް ބާރުދޭ އެއް ހެއްކަކީ، ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުރި ފަރަންސޭސިވިލާތުގެ އެމްބަސީގައި 12 އަހަރަށް ފަހު އެ ޤައުމުގެ ދިދަ ވިހުރުވައިލުމެވެ. ނަމަވެސް، ފަރަންސޭސިވިލާތުން ބުނީ، ދިމިޝްޤުގައި ހުންނަ އެ ޤައުމުގެ އެމްބަސީ ރަސްމީ ގޮތުން ހުޅުވާފައި ނުވާ ކަމުގައެވެ.
އެޗްޓީއެސަކީ އެމެރިކާއާއި ވިލާތުގެ ގިނަ ޤައުމުތަކެއްގެ އިތުރުން އދން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގުރޫޕެކެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން މި ވަގުތު ދަނީ، އެޗްޓީއެސްގެ އިސް ކޮމާންޑަރު، އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީއާ އެކު މަޝްވަރާތައް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އޭނާއާ އެކު ބައްދަލުވުންތައް ބޭއްވުމަށް ވަފުދުތައް ފޮނުވާފައިވާ ހުޅަނގުގެ ބާރުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތް ވެސް ހިމެނެއެވެ. އީޔޫން ވެސް ދަނީ ޝަރާޢުއާ އެކު ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅަނގުގެ ބާރުތަކާ އެކު މަޝްވަރާތައް ބާއްވައި، އުފެދިފައިވާ ދެބަސްވުންތައް ޙައްލު ކުރުމަކީ އެޗްޓީއެސުން ވެސް ބޭނުންވާ ގޮތެވެ. އިންތިޤާލީ ބޮޑުވަޒީރު ބަޝީރު ބުނީ، ސޫރިޔާގެ ބޭރު ފައިސާގެ ރިޒަރވް ހުސްވެފައިވާ ކަމުގައެވެ. އަދި، އެ ޤައުމަށް ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަނެވޭނީ، އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމުން ކަމުގައެވެ.
ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، އިނގިރޭސިވިލާތުގެ ސަރުކާރުގެ ވަފުދަކާ ޝަރާޢު ބައްދަލު ކޮށްފައިވާ ކަމުގައެވެ. އަދި، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ގޮވައިލާފައިވާ ކަމުގައެވެ. އަދި، އަހުލީހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައިވާ އެތަކެއް މިލިޔަން މީހުންނަށް އެނބުރި ޤައުމަށް ދަތުރު ކުރެވޭނީ، ހުޅަނގުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމުން ކަމުގައި ވެސް އެ މީޑިޔާއިން ބުންޏެވެ.
މީގެ އިތުރުން، ސޫރިޔާގައި ޤާނޫނީ ސަރުކާރެއް އަލުން ޤާއިމުކޮށް، ދުސްތޫރީ މުއައްސަސާތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އަމަން އަމާން ކަން ޤާއިމު ކުރުމަށް ޝަރާޢު އެކުލަވައިލި އިންތިޤާލީ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އެ މީޑިޔާއިން ރިޕޯޓު ކުރިއެވެ. މި ކަމުގައި އިނގިރޭސިވިލާތުގެ ބައިވެރިވުން ބޭނުންވާނެ ކަމުގައި އޭނާ ބުނެފައިވާ ކަމަށް ވެސް ސޫރިޔާގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
މި ކަމާ ގުޅޭ ގޮތުން އަލް ޖަޒީރާއަށް ދިން ބަސްދީގަތުމެއްގައި އިންތިޤާލީ ބޮޑުވަޒީރު ބަޝީރު ބުނީ، ސޫރިޔާގައި އަަމަން އަމާންކަމާއި ސުލްޙަމަސަލަސް ކަން ޤާއިމު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އިދިކޮޅު ގުރޫޕުތަކުގެ ހަނގުރާމަވެރިންނާއި ސޫރިޔާގެ އަސްކަރިއްޔާއިން ވަކިވި ސިފައިންގެ ބައިވެރިވުމާ އެކު ގުޅިފައިވާ ސަލާމަތީ ފައުޖެއް އެކުލަވައިލަން މަސައްކަތް ފަށާފައިވާ ކަމުގައެވެ.
"ދީނީ ޓްރެންޑެއް ނުވަތަ އެހެން ކަމަކާ މެދު ބިރުން އެ އުޅޭ މީހުންނަކީ އިސްލާމްދީން ރަނގަޅަށް ދަންނަ ބަޔެއް ނޫން، އިސްލާމްދީނުގައި އޮތް މަޢާފު ދިނުމުގެ މަތިވެރި އުސޫލާއި، އިންސާފުގެ މަތިވެރި އުސޫލު ދަންނަ ބަޔެއް ނޫން. ސޫރިޔާއަކީ ސޫރިޔާގެ ހުރިހާ ރައްޔިތުންގެ ތަނެއް. ސޫރިޔާގެ ކުރިމަގު ބައްޓަންކޮށް ތަރައްޤީ ކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެންނަށް އޮންނާނެ،" އޭނާ ބުންޏެވެ.