ޚަބަރު

ޢީދު ބައިބަލާ: ބަލިފަޅިން ޓީމުތައް ގަދަ 16އަށް


ޢީދު ބައިބަލާ 1447ގެ ބަލިވެފައިވާ ޓީމުތަކުގެ ފަޅިން 8 ޓީމެއް ގަދަ ސޯޅަ ބުރުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި މިހާރު ކުރިއަށްދާ ބައިބަލާ މުބާރާތުގައި ރޭ ކުޅެވުނީ ބަލި ފަޅީގެ 3 ބުރުގެ މެޗުތަކެވެ. މިގޮތުން ރޭ ކުޅެވުނު މެޗުތަކުން މޮޅުވި ޓީމުތައް ގަދަ ސޯޅަ ބުރުން ޖާގަ ހޯދިއިރު ބަލިވި ޓީމުތައް ވަނީ މުބާރާތުން ކަޓާފައެވެ. =

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އޮޑި ޓައިޓަންސް އާއި ކުޑަ ހެންވޭރު ލަޔަންސްއެވެ. މިމެޗު ކާމިޔާބުކޮށް އޮޑި ޓައިޓަންސް ވަނީ ގަދަ ސޯޅަ ޓީމުތަކުގެ ބުރުން ޖާގަ ހޯދާފައެވެ.

މިމެޗު ގަދަ ހިފުމަށްގޮސްގެން އޮޑި ޓައިޓަންސް ކާމިޔާބުކުރި އިރު މެޗުގެ ފުރަތަމަ ގޭމް އެންމެ ފަހު ސިކުންތުގައި ހިފަހައްޓާލި ކުޅުންތެރިއާއެކު އެތެރެއިން ކުޅެގެން އޮޑި ޓައިޓަންސް ކާމިޔާބުކުރީ 11-9 އަކުންނެވެ.

ދެވަނަ ގޭމް ކުޑަހެންވޭރު ލަޔަންސް ގެންދިޔައީ އެތެރެއިން ކުޅެގެން 10-5 އަކުންނެވެ. ދެކޮޅަށް ދެ ގޭމް ދިއުމް ގަދަ ހިފުމުގައި ޓައިޓަންސް ކުރި ހޯދީ ފުރަތަމަ 4 ހިފުން އެއްވަރުވުމުން 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރައިގެންނެވެ.

ރޭގެ ދެވަނަ މެޗުވެސް ނަތީޖާ ނެރެންޖެހުނީ ގަދަ ހިފުމަށް ގޮސްގެންނެވެ. ޖޭއީބީ ޔުނައިޓެޑް އާއި ބައްދަލުކޮށް ޓީސީ ފްރިޓާނިޓީ ކުރި ހޯދީ ފުރަތަމަ ގޭމް ބޭރުން ކުޅެގެން 30 ސިކުންތައް ވެފައިވަނިކޮށް 3 ރެއިޑުގައި 4 ކުޅުންތެރިން ނުބައިކޮށްގެން 10-9 އަކުން ފުރަތަމަ ގޭމް ނަގައި، ދެވަނަ ގޭމް އެތެރެއިން ކުޅެގެން ގެއްލުމުން ގަދަ ހިފުމަށްގޮސްގެންނެވެ.

ޖޭއީބީ ޔުނައިޓެޑްގެ ނާއިލް ވަނީ މިމެޗުގައި ބޭރުން އަރާ 1 ރެއިޑުގައި 6 ކުޅުންތެރިން ނުބައިކޮށް މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ކުޅުންތެރިން އެއްފަހަރާ ނުބައިކޮށްލުމުގެ ރެކޯޑް ހަދާފައެވެ.

ޓީސީ ގަދަ ހިފުމުގައި ކުރި ހޯދީ ފުރަތަމަ 4 ހިފުން އެއްވަރުވުމުން 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރައިގެންނެވެ.

ތިން ވަނަ މެޗުގެ ސީދާ 2 ގޭމުން ދަ ވަން ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ކާސިންޖީވެސް ވަނީ ގަދަ ސޯޅަ ބުރުން ޖާގަ ހޯދާފައެވެ. ބައިބަލާގެ ވަރުގަދަ ނަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާސިންޖީ މިމެޗު ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކުރީގެ މިސްޓަރ ބައިބަލާގެ މަގާމް ހޯދާފައިވާ ހާމިދު ރަޝީދެވެ.

ރޭ ކުޅެވުނު 4 ވަނަ މެޗުގައި ބައްދަލުކުރީ ވީކޭ ސްޕޯޓްސް ކްލަބާއި ދަ ބީޖީސްއެވެ. ދެ ގޭމުން ދަ ބީޖީސް މި މެޗުގެ ގެންދިޔަ އިރު ފުރަތަމަ ގޭމުގައި ބީޖީސްގެ ހަސަން ސަމާޙް ވަނީ އެއް ރެއިޑުގައި 5 ކުޅުންތެރިން އެއްފަހަރާ ނުބައިކޮށް ނަތީޖާ އަނބުރާލަދީފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީވެސް ސަމާޙުއެވެ.

ވެސްޓް ސްޕޯޓްސް ކްލަބް ބަލިކޮށް ކުޑަހެންވޭރު ޔުނައިޓެޑްވެސް ވަނީ މުބާރާތުގައި ކުރިއަށްޖެހިލާފައެވެ. ކުޑަހެންވޭރު ޔުނައިޓެޑް މިމެޗު ކާމިޔާބުކުރީ ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން ނަގާ ދެވަނަ ގޭމް ބޭރުން އެއްވަރުކޮށްލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކުޑަހެންވޭރު ޔުނައިޓެޑްގެ އިސްމާއިލް ސުނާދެވެ.

6 ވަނަ މެޗުގައި ބައިބަލާގެ ބޮޑު ތާރީޙެއް އޮތް ކްލަބް ޓީނޭޖު 2 ގޭމުން ބަލިކޮށް އަލްފާ ވުލްވްސްވެސް ވަނީ ގަދަ ސޯޅަ ބުރުން ޖާގަ ހޯދާފައެވެ. މިމެޗުގައި ފުރަތަމަ ގޭމް އަލްފާ ވުލްވްސް ގެންދިޔައީ ބޭރުން ކުޅެގެން 8-7 އަކުންނެވެ. ދެވަނަ ގޭމް އެތެރެއިން ކުޅެގެން ކާމިޔާބުކުރީ 10-9 އަކުންނެވެ.

ރޭގެ 7 ވަނަ މެޗުގައި ކުޑަހެންވޭރު ސްޓްރީޓް 2 ގޭމުން ބަލިކޮށް ކާސިންޖާސް ވަނީ މުބާރާތުގައި ކުރިއަށް ޖެހިލާފައެވެ. މިމެޗުގެ ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން ކާސިންޖާސް ކާމިޔާބުކުރީ 11-9 އަކުންނެވެ. ދެވަނަ ގޭމު ބޭރުން އަރާ ކާސިންޖާސް ކާމިޔާބުކުރީ 6-4 އަކުންނެވެ.

ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ޓީއެފްޓީ ބައްދަލުކުރީ އެލްޓީ ސްޕޯޓްސް ކްލަބާއެވެ. މިމެޗު 2 ގޭމުން ކާމިޔާބުކޮށް ޓީއެފްޓީވެސް ގަދަ 16 ޔަގީންކޮށްފައެވެ. މިމެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން ޓީއެފްޓީ ގެންދިޔައީ 7-5 އަކުންނެވެ.

ދެވަނަ ގޭމް ޓީއެފްޓީ އެތެރެއިން ކުޅެގެން ކާމިޔާބުކުރީ 17-1 އަކުންނެވެ.

މިމުބާރާތުގައި މިރޭ ކުޅެވިގެންދާނީ މޮޅުވަމުންދާ ޓީމުތަކުގެ ފަޅީގެ ގަދަ 8 ޓީމުގެ މެދުގައިި ކުޅެވޭ މެޗުތަކެވެ.