އޮސްޓްރޭލިޔާގައި ޤާނޫނީ ގޮތުން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރެވޭނެ އެންމެ ހަގު އުމުރަކީ 16 ކަމަށް ކަނޑައަޅައި، 16 އަހަރު ނުފުރޭ ކުދިން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރުން މަނާކޮށްފިއެވެ. ދިގު މަޝްވަރާތަކަކަށް ފަހު އޮސްޓްރޭލިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލާ މެދު އެ ޤައުމުގެ ޢާންމުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެއް ބަޔަކު އެ ނިންމުމަށް މަރުޙަބާ ކިޔަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ޤާނޫނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރެވޭނެ މީހުންގެ އެންމެ ހަގު އުމުރަކީ 16 އަހަރު ކަމަށް އޮސްޓްރޭލިޔާއިން ކަނޑައަޅާފައި މި ވަނީ، އެ ކަމާ ގުޅޭ ގޮތުން ބޮޑެތި ބަހުސްތަކެއް ކުރަމުން ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިއީ، ސޯޝަލް މީޑިޔާގެ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުނިތަކާ ދެކޮޅަށް އޮސްޓްރޭލިޔާއިން އަޅާފައިވާ ބޮޑު ފިޔަވަޅެކެވެ. އަދި، އޮސްޓްރޭލިޔާއަކީ މި ފަދަ ޤާނޫނެއް ވުޖޫދު ކުރި ފުރަތަމަ ޤައުމު ކަމުގައިވީ ނަމަވެސް، ސޯޝަލް މީޑިޔާގެ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ބުނީ، އެ ނިންމުމާ އެކު ނަހަމަ ގޮތުގައި އިންޓަރނެޓުގެ ބޭނުން ހިފާ ކުޑަކުދިންގެ އަދަދު އިތުރުވެގެން ދިޔުމުގެ ބިރު އޮތް ކަމުގައެވެ.
އޮސްޓްރޭލިޔާއިން ފާސްކޮށްފައިވާ އައު ޤާނޫނާ އެކު، 16 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކޮށްފި ނަމަ، އެ ވަސީލަތެއް ފޯރުކޮށްދިން ކުންފުންޏެއް ޖޫރިމަނާ ކުރެވޭނެއެވެ. މި ގޮތުން، ޓިކްޓޮކާއި މެޓާ ޕްލެޓްފޯމްސް ކުންފުނީގެ ސޯޝަލް މީޑިޔާ ވަސީލަތްތައް ކަމުގައިވާ އިންސްޓަގްރާމް އަދި ފޭސްބުކަށް 16 އަހަރުން ދަށުގެ ކުޑަކުދިން ލޮގިން ކުރުމުގެ ފުރުޞަތު ދެމުންދާ ނަމަ، އެ ކުންފުންޏެއް 32 މިލިޔަން އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. އެ ޤާނޫނު ތަންފީޒު ކުރުން ތަޖުރިބާ ކުރުމުގެ މަސައްކަތް 2025 ޖަނަވަރީގައި ފެށި ނަމަވެސް އެ ޤާނޫނުގެ ދަށުން ކުންފުނިތައް ޖޫރިމަނާ ކުރަން ފަށާނީ އޭގެ އެއް އަހަރު ދުވަސް ފަހުންނެވެ.
"އަޅުގަނޑުމެންގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގެ ކޮނޑުގައި މި ވަނީ އެޅިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މާދަމާ މައިންނާއި ބަފައިންނަށް ކޮންމެ އެހެން ކަމަކާ މެދު ވާހަކަ ދެއްކުމުގެ ފުރުޞަތު ކަށަވަރު ކޮށްދިނުމަށް،" އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒޭ ވިދާޅުވިއެވެ.
މި ފަދަ ޤާނޫނެއް އިޢުލާނު ކުރަން މަސައްކަތް ކުރަމުންދާ ކަން އަލްބެނޭޒޭ އިޢުލާނު ކުރައްވާފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުޞަތު ދިނުމަކީ ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ހިރާސްތަކެއް އޮތް ނުރައްކާތެރި ކަމެއް ކަމުގައެވެ. ޚާއްޞަ ގޮތެއްގައި، އެ ފަދަ ވަސީލަތްތަކުގެ ސަބަބުން އަންހެން ކުދިންގެ ޞިއްޙަތަށް އޮތް ނުރައްކާތެރިކަން ބޮޑު ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ޤާނޫނާ މެދު އޮސްޓްރޭލިޔާގެ ގިނަ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތެވެ. "އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މިއީ ވަރަށް ރަނގަޅު ވިސްނުމެއް، އަޅުގަނޑަށް ފެންނަނީ ކުޑަކުދިން ސޯޝަލް މީޑިޔާ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި، އެ ކުދިންނަށް ފެންނަން ނުޖެހޭ ފަދަ އެތަކެއް މަންޒަރެއް ސޯޝަލް މީޑިޔާއިން ފެންނާނެ،" ސިޑްނީގެ ރައްޔިތެއް ކަމުގައިވާ ފްރަންޗެސްކާ ސޮމްބާސް ބުންޏެވެ.
ނަމަވެސް، އެންމެން މި ޚިޔާލާ މެދު އެއްބަހެއް ނުވެއެވެ. "އަޅުގަނޑަށް އިހުސާސް ކުރެވެނީ ނުރުހުމާއި ރުޅިވެރިކަން، އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ސަރުކާރުން މި ވަނީ ޑިމޮކުރަސީ ކުޑަދޮރުން ބޭރަށް ހޫރުވައިލާފައި. އެ މީހުންނަށް މި ފަދަ ޤާނޫނުތައް ހަދައި، ޢާންމުންގެ މައްޗަށް މި ފަދަ ޤާނޫނުތައް ހިންގޭނެތަ؟" އައު ޤާނޫނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން 58 އަހަރުގެ ޝޯން ކްލޯސޭ ސުވާލުކުރިއެވެ. މި ޤާނޫނާ ގުޅޭ ގޮތުން ކުޑަކުދިން ބުނީ، ސިއްރިޔާތުގައި ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގެ ބޭނުން ކުރެވޭނެ ގޮތްތައް ހޯދައި، އޭގެ ބޭނުން ކުރަމުންދާނެ ކަމުގައެވެ.
މަޝްހޫރު ސޯޝަލް މީޑިޔާ ވަސީލަތެއް ކަމުގައިވާ ޓިކްޓޮކުން ވެސް ވަނީ އޮސްޓްރޭލިޔާގެ ޤާނޫނަށް ފާޑުކިޔާފައެވެ. އެ ކުންފުނީގެ ތަރުޖަމާނު ބުނީ، އަވަސް އަރުވައިލައިގެން މި ފަދަ ޤާނޫނެއް ފާސްކުރުމުން ކުޑަކުދިން އިތުރު ނުރައްކާތަކަށް ހުށަހެޅިގެން ގޮސްފައިވާ ކަމުގައެވެ. "އަޅުގަނޑުމެން މި ތިބީ އޮސްޓްރޭލިޔާގެ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، މި ފަދަ ޤާނޫނަކާ ދެކޮޅަށް ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުންނާއި ޒުވާނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދީފައިވާ އިރުޝާދުތަކާއި ލަފާ އަޑުއަހާފައެއް ނެތް،" ޓިކްޓޮކްގެ ތަރުޖަމާނު ބުންޏެވެ.
ނަމަވެސް އަލްބަނޭޒޭ ވިދާޅުވީ، ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކުޑަކުދިންގެ އުމުރު ކަށަވަރު ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މި ކަމާ ގުޅޭ ޤާނޫނެއް ފާސްކުރުމަކީ، މި މައްސަލައާ ކުރިމަތިލުމަށް އޮތް އެންމެ ރަނގަޅު މަގު ކަމުގައެވެ. "ބެލެނިވެރިންނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ ތިޔަ ބޭފުޅުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަމޭ،" އޭނާ ވިދާޅުވިއެވެ. އަދި، މި ފަދަ ޤާނޫނެއް ތަންފީޒު ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން ޤަބޫލު ކުރައްވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.