ބޭންކިން ނިޒާމުގެތެރެއަށް ޑޮލަރު މާރުކުރަންޖެހޭ ޤަވާއިދަށް ބަދަލު ނުގެންނަކަމަށާއި، ކުރާ މަސައްކަތަކީ އެ ޤަވާއިދަށާއި އެމްއެމްއޭއަށް ނެތް ޤާނޫނީ ބާރުވެރިކަން ހޯދުންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު މިހެން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ލާޒިމްކޮށް އެކުލަވާލި ޤަވާއިދަށް ބަދަލު ގެނައީކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ ބޭރު ފައިސާ މާރުކުރުން ނުވަތަ ފޮރިންގ އެކްސްޗޭންޖުގެ ޤާނޫނެއް ނެތުމުގެ ސަބަބުން އެމްއެމްއޭގެ އަތް އޮތީ ބަނދެވިފައިކަމަށެވެ. ފޮރިން އެކްސްޗޭންޖު މާކެޓުގައި އެމްއެމްއޭއަށް މާބޮޑު ބާރުތަކެއް ނެތްކަން ފާހަގަކުރައްވަމުން ވަނީ، އެފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަނީ ފޮރިން އެކްސްޗޭންޖު މާކެޓުގައި ބޭންކުތަކަށް ޑޮލަރު ވަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ހުރުމުންކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
"ބޭންކުތަކަށް ޓޫރިޒަމް އިންޑަސްޓްރީން އެ ވަންނަނީ ގާތްގަނޑަަށް އެންމެ %3. އެވްރެޖުކޮށް %10ވެސް ނުވަދޭ. އެހެންކަމުން ބޭންކުތައް ފަންކްޝަނެއްނުކުރެވޭ. ދިވެހިންނަށް ދޭންޖެހޭ ޚިދުމަތްތަކާއި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ބޭނުންވާ ޚިދުމަތްތަކާ މިކަން ކުރުމަށްޓަކައި ބޭންކިން ނިޒާމުގެ ތެރެއަށް ހަގީގަތުގައި ޑޮލަރު ނުވަންނަނަމަ އެކަމެއް ނުވާނެ. އެހެންވީމަ އެއްކަމަކީ އިންފްލޯ ރަނގަޅުކުރުން. ފަތުރުވެރިކަމުން ކޮވިޑުގެ ކުރީގައި ގާތްގަނޑަކަށް %70 ވަދެފަ މިހާރުގެ ޢަދަކީ %50. މާރުކުރާ އަދަދަކީ ގާތްގަނޑަކަށް %10. ކޮވިޑުގެ ކުރިން އެބައުޅޭ ގާތްގަނޑަކަށް %20. އެހެންވީމަ އަޅުގަނޑުމެން މަސައްކަތްފަށައިގެން ކުރިއަށް މިދަނީ އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު ހުރި ލެވެލް ކުރިން ހުރި ލެވެލްއަށް މިކަން ގެންދިއުން." ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް އެކުލަވާލުމަކީ މިވަގުތަށް ކޮންމެހެން މުހިންމުކަމެއްކަމަށެވެ. އެހެނީ ރައްޔިތުން ބޭނުންކުރާ ބޭންކު ކާޑުގެ ޚިދުމަތް ހުއްޓެން ބޭނުންނުވާތިއާއި، ބޭރުގައި ކިޔަވާ ކުދިންނަށްވެސް ޑޮލަރު ބޭނުންވާތީކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މި ޤާނޫނު އެކުލަވާލުމަށް ބިލު އެކުލަވާލުމުގެ މަސައްކަތް މީގެ ކުރިން ތިން ގަވަރުނަރުންވެސް ކުރެއްވިކަމަަށެވެ.
"އެއްފަހަރާ ހުރިހާ އެއްޗެއް ދިވެހި ރުފިޔާއަކަށް ބަދަލުކުރަން ނުދެވޭނެ. އެއީ ރިޒާވް ވަރަށް ބޮޑަށް ބިނާވެފައި މިއޮންނަނީ ސަރުކާރުގެ ލިބޭ އެއްޗަކަށް. އެހެންވީމަ ގްރެޖުއަލީ ގެނައުމަށް ބަދަލުތަކެއް ގެންނަނީ." ގަވަރުނަރު ވިދާޅުވިއެވެ.
މިފަދަ ޤާނޫނެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ތަޢީދުކޮށްދެއްވިކަމަށްޓަކައިވެސް ގަވަރުނަރު ޝުކުރުއަދާކުރެއްވިއެވެ.
"15 އަހަރު ކުރިން ފެށިގެން މިހާރަށްވެސް ކޮބައިތޯ އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދާއިރު ދިވެއްސަކަަށް ޑޮލަރު ހޯދަންޖެހޭ ގޮތަކީ؟ ރޭޓަކީ 15.42 އެކަމު ބްލެކް މާކެޓުގައި އަބަދު ގަންނަންމިޖެހެނީ. އެހެންވީމަ އަޅުގަނޑުމެން އަބަދު ބޭނުންވޭތޯ ބްލެކްމާކެޓް ފްލަރިޝްވެގެން އޮންނަން [ބްލެކްމާކެޓް ކުރިއަރާފަ އޮންނަން]. އިންފޯމަލް މާކެޓެއް އޮތުން ބޭނުންވޭތޯ." ގަވަރުނަރު ވިދާޅުވިއެވެ.
ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކުރުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ކުރަމުން އަންނަކަމެއްކަމަށާއި، އެކަން ނުކޮށް މިއޮތީ ރާއްޖޭގައިކަމަށެވެ. އެމްއެމްއޭއިން މިގެންނަ ބަދަލާއެކު ދިވެހި ރައްޔިތުންނަށް ފޮރިން އެކްސްޗޭންޖު މާކެޓުގައި ފަސޭހައިން ޑޮލަރު ލިބި، ވިޔަފާރިތަކަށްވެސް ފަސޭހައިން ޑޮލަރު ލިބޭނެކަމަށް މުނައްވަރު ވިދާޅުވިއެވެ. ގަވަރުނަރު ވިދާޅުވީ ދައުލަތަށް އަހަރެއްގެ މައްޗަށް 1 ބިލިޔަން ޑޮލަރު ލިބޭއިރު، އޭގެތެރެއިން ތެލަށް 800 މިލިޔަނެއްހާ ޑޮލަރު ހޭދަކުރާކަމަށެވެ. އެހެންކަމުން ދައުލަތުގެ ރިޒާވުން އެންމެ ބޮޑު ހޭދައެއްކުރަނީ ތެލަށްކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ ތެޔޮ އެތެރެނުކުރެވޭ މިންވަރަށް ރިޒާވް ދަށްވާން ބޭނުންނުވާނެކަމަށެވެ.
1- ކާޑުގެ ބާވަތްތަކަށް 25 މިލިޔަން ޑޮލަރު
2- ސިއްޙީ ކަންކަމށް 25 މިލިޔަން ޑޮލަރު
3- ހައްޖާ ޢުމްރާއަށް 10 މިލިޔަން ޑޮލަރު
4- ކިޔަވާ ކުދިންގެ ބޭނުމަށް 45 މިލިޔަން ޑޮލަރު
5- އަދި ބޭރަށްދާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު
ގަވަރުނަރު ވަނީ ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ދޭ ޑޮލަރަކީ ބީއެމްއެލުން ދޭ ޑޮލަރު ނޫންކަމާއި، އެއީ ދައުލަތުގެ ރިޒާވުން ދޭ ޑޮލަރުކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ވިދާޅުވިފަދައިން ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުކުރެވޭނީވެސް މި ޤާނޫނާއި ޤަވާއިދަށ ްއަމަލުކޮށްގެންކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނެއް އެކުލަވާލަނީ އެކަމާ ގުޅިގެން ހެދި ޤަވާއިދަށާއި އެމްއެމްއެމްއޭއަށް މިހާރު ނެތް އަދި ލިބެންޖެހޭ ބާރުތަކެއް ހޯދުމަށްކަމަށެވެ. ގަވަރުނަރު ވަނީ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އެކުލަވާލި ޤަވާއިދަށް ބަދަލު ނުގެންކަން ތަކުރާރުކުރައްވާފައެވެ. ހަމައެކަނި އެ ގަވައިދަށް ގެނައި ބަދަލަކީ ފަތުރުވެރި ނޫން ކެޓަގަރީއެއް އިތުރުކުރުންކަަމަށްވެސް ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.