މާފަންނު ޕްރައިމް ގުދަނުގައި ހިނގި އަލިފާން ހާދިސާގެ ޚާއްސަ ތަހުޤީގެއް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި ގުދަނުގައި އަލިފާން ރޯވީ ރޭ 21:57 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފަންނު ޕްރައިމް ގުދަނުގައި އަލިފާން ރޯވުމާއި ގުޅިގެން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ހާއްސަ ތަހުގީގެއް ފަށާފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޕްރައިމް ގުދަން ހުންނަނީ އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ. ފުލުހުން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަނީ ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައިވާކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމް.އެން.ޑީ.އެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.