ރާއްޖޭގައި ބައިބަލާ، ކުޅިވަރެއްގެ ގޮތުގައި ކުރިއަރުވައި އިތުރު ހަރުފަތަކަށް ގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް، ބައިބަލާ އެސޯސިއޭޝަނުން ޝުކުރު އަދާކޮށްފިއެވެ.
މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ބައިބަލާ އެސޯސިއޭޝަންގެ ސެކެޓަރީ ޖެނެރަލް ސައީދު އަލީ ވިދާޅުވީ، މި މުބާރާތަށް މިހާރު އައި ބަދަލުތަކާއި ކުރިއެރުންތަކަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން އައި ކުރިއެރުންތަކެއް ކަމަށެވެ.
އޭގެތެރޭގައި، ރައީސް ޑރ. މުއިއްޒު ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން، ބައިބަލާ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑު ޝުކުރުއަދާކޮށްލަން ބޭނުންވަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް. އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދަވަނީ. އަދުގެ ސަރުކާރުގެ ތެރެއިން އަޅުގަނޑުމެންނަށް ސްޕޮންސަރުންގެ ގޮތުގައި ވަރަށް ބޮޑު އެހީތަކެއް ވެދެމުން ދަނީ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު، ހަމަ ވަރަށް ގާތުން އަޅުގަނޑުމެންނާއެކު މަސައްކަތްކުރައްވަމުން ގެންދަވަނީ". އަދުގެ ރައީސުލްޖުމްހޫރިއްޔާ އާއި އަދުގެ ސަރުކާރުން، ބައިބަލާ ކުރިއެރުވުމަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ސައީދު ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގެ ހޯސްޓިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. ބައިބަލާ މައިދާން ތައްޔާރުކުރުމުގައި އެޗްޑީސީގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ކުޅިވަރުގެ ތާރީޚުގައި ވެސް، އެންމެ ހައިބަތު ބޮޑު މައިދާނަކާއެކު އެންމެ ކުލަގަދަ ހަރަކާތެއްގެ ގޮތުގައި ބައިބަލާ ޗެލެންޖް ކުރިއަށް ގެންގޮސްފައި ވަނީ، ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު މިދިޔަ އަހަރުއެވެ.
މި މުބާރާތަށް، ޙާއްސަ ގޮތެއްގައި ބައިބަލާ މައިދާނަށް ގިނަބައެއްގެ ތައުރީފާއި ތަރުހީބު ލިބުނެވެ.