ޚަބަރު

ހުޅުމާލެ ޖަލުގައި އާއިލީ ބައްދަލުކުރާ ގެ ތަރައްޤީކުރުމަށްފަހު ހުޅުވައިފި


  • މިހާރު ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ

ގައިދީންނާއި ބަންދުމީހުން އާއިލާއާ ބައްދަލުކުރާ ގެ ހުޅުމާލޭ ޖަލުގައި، ތަރައްޤީކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީންނާއި ބަންދުމީހުން އާއިލާއާ ބައްދަލުކުރާ ގެ ހުޅުމާލޭ ޖަލުގައި، ތަރައްޤީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އާއިލާއަކަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެއް ކަމަށެވެ. ނަމަވެސް މިހާރު ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް އެމްސީއެސް އިން ވިދާޅުވިއެވެ.

އަދި ބައްދަލުވުމަށް އާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ޚާއްސަ ކިޑްސް ކޯނަރއެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން އިވެއިޓިންގ ރޫމެއް ވެސް ގާއިމްކޮށްފައިވެއެވެ. މި ވެއިޓިންގ ރޫމް ބޭނުންކުރާނީ އާއިލާއިން ބައްދަލުކުރުމަށް ހާޟިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށްކަމަށް އެމްސީއެސްއިން ވިދާޅުވިއެވެ.

މި ބައްދަލުކުރާ ގޭގެ ސަބަބުން، ގައިދީންނަށާއި ބަންދު މީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު އިތުރުވެގެންދާނެކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.