ޚަބަރު

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފޯމިއުލާ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ވާސްޓެޕަން ހޯދައިފި


އެމެރިކާގެ ލަސް ވެގާސް ގްރޯން ޕްރީގެ ފަސްވަނައިގައި ނިންމާލައި، ނެދަލަންޑްސްގެ ފޯމިއުލާ ވަން ކާރު ދުއްވުންތެރިޔާ މެކްސް ވާސްޓެޕަން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ދުނިޔޭގެ ޗެމްޕިއަންކަން ވާސްޓެޕަން ޖެހިޖެހިގެން ހޯދި ހަތަރުވަނަ ފަހަރެވެ. މިއާއެކު ވާސްޓެޕަން ވަނީ، ސެބާސްޓިއަން ވެޓެލް އާއި އެލަން ޕްރޮސްޓާ އަރާ ހަމަކޮށްފައެވެ. ވާސްޓެޕަން އަށްވުރެ ގިނައިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ހަތް ފަހަރު ޗެމްޕިއަންކަން ހޯދި ލުވިސް ހެމިލްޓަން އާއި މައިކަލް ޝޫމާކަރއަދި ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ހުއާން މެނުއެލް ފަންޖިއޯ އެވެ.

އުމުރުން 27 އަހަރުގެ ވާސްޓެޕަން، މި ފަހަރުގެ ސީޒަނުގެ ފޯމިއުލާ ވަން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިމިވަނީ ބާކީ ދެ ރޭސް އޮއްވައެވެ.

ވާސްޓެޕަން ބުނީ، ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި އުއްމީދުވެސް ނުކުރާ ކަމަށާއި، އެ ކާމިޔާބީ ހާސިލްކުރެވުމުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.

އިއްޔެ ކުރިއަށްދިޔަ ލަސް ވެގާސް ގްރޯން ޕްރީގައި ހޯދި 10 ޕޮއިންޓާއެކު، ރެޑްބުލްގެ ފޯމިއުލާ ވަން ކާރު ދުއްވުންތެރިޔާ، ވާސްޓެޕަން ވަނީ ޗެމްޕިއަންޝިޕްގެ ރޭންކިންގެ އެއްވަނައިގައި 63 ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. މިއީ ބާކީ އޮތް ދެ ރޭހަށް ބަލާއިރު، ދެވަނައިގައި އޮތް މެކްލަރެންގެ ދުއްވުންތެރިޔާ، ލެންޑޯ ނޮރިސް އަށް ހަމަކުރެވޭނެ ފަރަގެއް ނުވާތީވެ، ވާސްޓެޕަން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ވާސްޓެޕަން ބުނީ، މިދިޔަ އަހަރާ އަޅާބަލާއިރު މި ފަހަރުގެ ސީޒަން ދިޔައީ އުނދަގޫކޮށް ކަމަށާއި، އެކަމަކުވެސް ބޭނުންވާ އަމާޒަށް ވާސިލްވެވިފައިވާ ކަމަށެވެ. އަދި، ސީޒަން ރަނގަޅަށް ފެށި ނަމަވެސް ފަހުން ކޮންމެވެސް ވަރަކަށް އުނދަގޫތަކާ ކުރިމަތިވިއިރު ޓީމެއްގެ ގޮތުގައި ހުރިހާ އެންމެން ކުރި މަސައްކަތާއި، ހޯދީ ކުރިއެރުންތަކުގެ ސަބަބުން ކާމިޔާބީ ހާސިލްކުރެވުނީ ކަމަށް ވެސް ވާސްޓެޕަން ފާހަގަކުރިއެވެ.

ވާސްޓެޕަން ވަނީ، މި އަހަރުގެ މިހާތަނަށް ބޭއްވި 22 ރޭހުގެ ތެރެއިން 8 ރޭސް ކާމިޔާބުކޮށްފައެވެ. މީގެތެރެއިން، ފުރަތަމަ 10 ރޭހުގެ ތެރެއިން ހަތް ރޭސް އޭނާ ކާމިޔާބުކުރިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ދަށް ނަތީޖާއެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ 22 ރޭހުގެ ތެރެއިން 19 ރޭސް ކާމިޔާބުކޮށްފައެވެ.

އިއްޔެގެ ރޭހުގެ އެއްވަނަ މަގާމު ހާސިލްކުރީ މާސެޑީސްގެ ޖޯޖް ރަސެލް އެވެ. ދެވަނައިގައި އޮވެ ނިންމާލީ ލެޖެންޑަރީ ދުއްވުންތެރިޔާ، ހެމިލްޓަން އެވެ. ތިންވަނަ އާއި ހަތަރެއްގައި އޮތީ ފެރާރީގެ ކާލޯސް ސައިންޒް އާއި ޗާލްސް ލެކްލާކް އެވެ. ވާސްޓެޕަންއާ އެންމެ ގާތުން ވާދަކުރި ނޮރިސް ނިންމާލީ ހަވަނައިގައެވެ.