މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލާ ސިސްޓަމް ހަރުކޮށްދޭން އެދުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަގޭ ސޯލާ ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މިއީ، ފެނަކަ ކޯޕަރޭޝަނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. އޭޑީބީގެ އެހީ ލިބިގެން ހިންގާ މި ޕްރޮގްރާމުގައިި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލާ ނިޒާމު ހަރުކުރަން ނިންމާފައިވެއެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ސޯލާ ހަރުކުރާނެ ގޭބިސީތަކުގެ އަދަދު މިހާރު ވަނީ ކަނޑައަޅާފައެވެ. މިއަދަދުތަކުގެ ތަފްސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ގޭބީސީތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން، ދޫކުރުމަށް ހަމަޖެހިފައިވަނީ، 3 ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި 5 ކިލޯވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެކަމަށެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ %10 ނަގާނެކަމަށާއި މި %10 އަށްވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ، 3 ކިލޯވޯޓު ސިސްޓަމެއް 45,000 ރުފިޔާއަށް އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000 ރުފިޔާއެވެ. މި ޕްރޮގްރާމްގައި ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައެޅިފައިވެއެވެ. އެއީ، އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ނުވަތަ އިންސްޓޯލްމަންޓް އުސޫލުން 5 އަހަރަށް ބަހާލައިގެންނެވެ.
މިޕްރޮގްރާމުގެ މަޤުސަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ. މަގޭ ސޯލާ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތަށް އެދި ހުށައެޅުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޚިދުމަތަށް އެދެވޭނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.