ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށާއި، ކުރިމަގުގައި މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓު،އެމްޕީއެލުން ވިދާޅުވެއްޖެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި އެމް.ޕީއެލުން ތަޢާރަފްކުރި ޚިދުމަތެކެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މެއިމަހުގެ ތެރޭގައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެކަމަށެވެ.
މި ސަރަޙައްދަށް ބަލާއިރު، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ބާއްވާ ޤައުމަކަށްވުމުން މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލުން ފާހަގަކުރެއެވެ.
މި ޚިދުމަތަށް އަންނަމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޕީއެލްއެގެ ޖެނެރަލް މެނޭޖަރ ޠޮލްހަތު ސައީދު ވިދާޅުވީ މި ޚިދުމަތާއި ގުޅުނު އެއަރލައިންތަކުގެ އަދަދު 7 އަކަށް އަރާފައިވާއިރު، 13 ޤައުމަކަށް މުދާ ފޮނުވާފައިވާ ކަމަށެވެ.
"އެއް އެޖެންޓުން ފެއްޓުނީ، މިހާރު 7 ލޯކަލް އެޖެންޓުން މަސައްކަތްކުރަމުންމިދަނީ، ޑޭ ބައި ޑޭ އިތުރުވަމުން މިދަނީ، ކޮންޓެއިނަރވެސް އިތުރުވަމުންދަނީ، 147 ޓީޔޫސްގެ ކޮންޓެއިނަރވަނީ ފޮނުވިފައި، ޓަނުން ބަލާނަމަ މިއީ 700 ޓަނުގެ މުދާ،" ޠޮލްހަތު ވިދާޅުވިއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ދެމުންދަނީ އެމްޕީއެލްއާއި، އެމްއޭސީއެލް އަދި ކަސްޓަމްސް ގުޅިގެންނެވެ. ޠޮލްހަތު ފާހަގަކުރެއްވިގޮތުގައި މި ޚިދުމަތަކީ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ޙިދުމަތެއް ކަމަށެވެ.
"އާމްދަނީ ލިބޭނެ އެމްއޭސީއެލްއަށްވެސް، އެމްޕީއެލްއަށްވެސް، ކަސްޓަމްސްއަށްވެސް، މުޅި ރާއްޖޭގެ އިކޮނޮމީއަށްވެސް ވަރަށް ބޮޑެތި އަދަދުތަކެއް ވަދެގެންދާނެ،" ޠޮލްހަތު ވިދާޅުވިއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގައި މިހާރު އާއްމުކޮށް ރާއްޖެއިން ޔޫރަޕްގެ ޤައުމުތަކަށް ފޮނުވަމުންދަނީ ބަންގްލަދޭޝްގެ ފެކްޓަރީތަކުގައި ތައްޔާރުކުރާ މަތީފަންތީގެ ބުރޭންޑުތަކުގެ އަންނައުނެވެ. އެހެން ނަމެވެސް މި ޚިދުމަތުގައި އެކި ބާވަތްތަކުގެ މުދާ ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.