ޚަބަރު

ވޯލްޑްބޭންކާއި އައިއެމްއެފްގެ ޕްލޭންތައް ރާވަންޖެހޭނީ ޤައުމުތަކުގެ ބޭނުންތަކަށް ބަލައިގެން: ގަވަރުނަރު


  • ގަވަރުނަރު މިހެން ވިދާޅުވީ ވޯލްޑްބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި

  • ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަނީ ރާއްޖެއިން

  • މިއީ 80 އަހަރުގެ ތާރީހުގައި ރާއްޖޭގެ ފަރާތުން ބޭފުޅަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރު

ވޯލްޑްބޭންކާއި އައިއެމްއެފްގެ ޕްލޭންތައް ރާވަންޖެހޭނީ ޤައުމުތަކުގެ ބޭނުންތަކާއި ޤާބިލްކަމަށް ބަލައިގެންކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިހެން ވިދާޅުވީ އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި، ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޗެއާގެ ހައިސިއްޔަތުން ތަޤުރީރުކުރައްވަމުންނެވެ.

ވޯލްޑްބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ "ޗެއާ އޮފް ދަ ބޯޑް އޮފް ގަވާނާސް އޮފްދަ ވޯލްޑް ބޭންކް އެންޑް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ހައިސިއްޔަތުން" ދިވެހިރާއްޖެއިންނެވެ. އަދި މިއީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ 80 އަހަރުގެ ތާރީހުގައި އެ ދެ އިދާރާގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ބޭފުޅަކު ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ ތަގުރީރުގައި ދޭދޭ ގައުމުތަކުން އިގްތިސާދީ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މީގެ 80 އަހަރުކުރިން ބޭއްވުނު ބޯޑު އޮފް ގަވަރުނަރުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ޔޫއެސް ޓްރެޝަރީ ސެކެރެޓަރީ ޖޯން ޑަބުލިއު ސްނައިޑާ ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި އެ އިދާރާތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ނޫންކަމަށެވެ. އެހެނީ ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު މި މުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާކަމަށެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ސަރުކާރުތަށް ފެއިލް ކޮށްގެން ނުވާނެ ކަމަށާއި ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ތަމްސީލުކުރާ ރައްޔިތުންގެ އުއްމީދުތައް ފެއިލްވެގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.   

ގަވަރުނަރުގެ ވާހަކައިގައި ވިދާޅުވީ އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ޚާއްސަގޮތެއްގައި ތިންކަމެއް ފާހަގަކުރެއްވިއެވެ. އެއީ މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކެވެ. ގަވަރުނަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. އެއާއެކު ރާއްޖެއިން އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

"2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފަ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެން ދެއެވެ. އެގޮތުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ. ގަވަރުނަރު ވިދާޅުވީ އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑް އިން މިހާރު ވެސް ތައުރީފު ހައްގު މަސައްކަތްތަކެއް މިދާއިރާއިން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކަށް ބުރައަކަށް ނުވާނޭގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރުވަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަމަށެވެ. އަދި މި ކަމުގައި  އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް އެކުލަވާލުން މުހިންމުކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

ތަރައްގީ ވަމުންއަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ ކަމަށް ވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ. އަދި ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެގޮތެއް ރާވަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވޯލްޑްބޭންކް އަދި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރޭވިގެންދާއިރު ކޮންމެ މެމްބަރު ގައުމެއްގެ ބޭނުންތަކާއި ކެޕޭސީޓިއަށް ފެތޭގޮތަށް އެ ކަންކަން ޚާއްސަކުރެވިގެން ދިއުމަކީ މުހިއްމުކަމެއްކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ. މިކަންކަން މިމަގުން ނުކުރެވިއްޖެނަމަ އެނުއަލް މީޓިންގްސްގެ ފުރަތަމަ ޗެއާ ޖޯން ސްނައިޑާ ފާހަގަކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެން ރައްޔިތުންގެ އުންމީދު ތަމްސީލުކުރުމަށް އަޅުގަނޑުމެން ފެއިލްވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
 
ވޮޝިންޓަންގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ޗެއާއަކީ ރާއްޖެކަމަށް ވުމާއެކު ގަވަރުނަރުގެ ދަތުރުގެ ޚަރަދުތައް ކުރަނީ އައިއެމްއެފުންނެވެ.