ޚަބަރު

އިންޓަރ މަޔާމީގެ ކޯޗަކަށް އާޖެންޓީނާގެ މަޝެރާނޯ ހަމަޖައްސައިފި


އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ކުލަބު އިންޓަރ މަޔާމީގެ ކޯޗަކަށް އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު ހާވިއާ މަޝެރާނޯ ހަމަޖައްސައިފިއެވެ.

ކުޅުން ހުއްޓާލުމަށްފަހު އާޖެންޓީނާގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މިހާރު ކޯޗުކޮށްދެމުންދާ އުމުރުން 40 އަހަރުގެ މަޝެރާނޯ މިއީ ކްލަބަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. ނިމިގެންދިޔަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވި އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމަށް އިރުޝާދު ދީފައިވަނީ މަޝެރާނޯ އެވެ.

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންޓަރ މަޔާމީގެ ކޯޗަކަށް މަޝެރާނޯ ހަމަޖައްސާފައިވާއިރު އޭނާ ވަނީ އިންޓަރ މަޔާމީގެ ކެޕްޓަން ލަޔޮނެލް މެސީ އާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމަށާއި ކްލަބް ލެވެލްގައި ކުޅެފަ އެވެ. އަދި މަޝެރާނޯ އާއިއެކު ބާސެލޯނާއަށް ކުޅުނު ޖޯޑީ އަލްބާ އާއި ލުއިސް ސުއަރޭޒް ގެ އިތުރުން ސާޖިއޯ ބަސްކޭ މިހާރު ކުޅެމުންދަނީ އިންޓަރ މަޔާމީ އަށެވެ.

އިންޓަރ މަޔާމީ އިން ކޯޗެއް ހޯދަން ފަށާފައިވަނީ އެ ޓީމުގެ ކޯޗަކަށް ހުރި ޖެރާޑޯ މާޓިނޯ އަމިއްލަ ސަބަބުތަކާއި ހުރެ އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

އިންޓަރ މަޔާމީ ވަނީ މި އަހަރުގެ ސަޕޯޓާސް ޝީލްޑް މޭޖަރ ލީގުގެ ސީޒަނެއްގައި މިހާތަނަށް ރެކޯޑް އަދަދެއް ކަމުގައިވާ 74 ޕޮއިންޓާއެކު ސަޕޯޓާސް ޝީލްޑް ހޯދާފަ އެވެ. ނަމަވެސް އެމްއެލްއެސް ކަޕްގެ ޕްލޭއޮފް މެޗުން އެ ޓީމު ވަނީ މި މަހުގެ ކުރީކޮޅު ބަލިވެފަ އެވެ.