ޚަބަރު

ފަހަތުން އަރައި ފެޔަނޫޑުން ސިޓީއާ އެއްވަރުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި 3-0 ގެ ލީޑެއް މެންޗެސްޓާ ސިޓީން ހޯދާފައިވަނިކޮށް، ފަހަތުން އަރައި 3-3 ގެ ނަތީޖާއަކުން ފެޔަނޫޑުން މެޗު އެއްވަރުކޮށްފިއެވެ.

މެންޗެސްޓަރގެ އިއްތިހާދު ސްޓޭޑިއަމްގައި 47 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރު ވެފައިވާއިރު އެންމެ ފަހުން މެންޗެސްޓަރ ސިޓީ ކުޅުނު ފަސް މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޖުމްލަ 36 ޓީމު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް މެންޗެސްޓަރ ސިޓީ ފަސް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 8 ޕޮއިންޓާއެކު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީ އަށް ކާމިޔާބު ކޮށްދީފައިވަނީ އާލިން ހާލާންޑު އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ސިޓީގެ އިލްކޭ ގުންޑޮގާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ސިޓީން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނީ މެޗުގެ 53 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހާލާންޑު ކާމިޔާބުކުރި ގޯލާއެކުގަ އެވެ.

ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ފެޔަނޫޑްގެ އަނިސް ހާޖީ މޫސާ ކާމިޔާބުކޮށްދިން ލަނޑާއެކު ފެޔަނޫޑް އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ނަތީޖާއެއްގެ ގޮތުން އޭގެ ހަތް މިނިޓު ފަހުން ސެންޓިއާގޯ ޖިމިނޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ޑޭވިޑް ހަންކޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ލަނޑާއެކު މެޗު ބަލަން ނެދަލޭންޑްސް އިން ދިޔަ ފެޔަނޫޑްގެ 5000 ސަޕޯޓަރުންގެ އަޑުން ވަނީ ސްޓޭޑިއަމް ގުގުމާލާފަ އެވެ.

މި ނަތީޖާއާއިއެކު އަންނަ ހޮނިހިރު ދުވަހު ލިވަލޫލް އާއި ދެކޮޅަށް ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ ނިކުންނައިރު އެ ޓީމަށްވަނީ އިތުރު ޕްރެޝަރއެއް ކުރިމަތިވެފަ އެވެ.