އޮސްޓްރޭލިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބައިނަލްއަޤްވާމީގޮތުންނާއި ސަރަހައްދީގޮތުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އޭގެތެރޭގައި އިންޑިއާގެ ކަނޑުގެ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައްވެސް ހިމެނެއެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ދެ ޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތުގެ މުހިއްމުކަންވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރޭލިއާގެ ސަރުކާރުން ފޯރުކޮށްދެމުންދާ ސްކޮލަރޝިޕްގެ ފުރުސަތުތައް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތާނގައި އެފަދަ ފުރުސަތުތައް އިތުރުކޮށްދެއްވަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.