މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް %50 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މަސްވެރިން ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި އެއްގޮތަށް މި ދަފްތަރު އެކުލަވާލުމަށްފަހު އެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް %50 އަށްވުރެ ގިނަ އުޅަނދު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އެ ވުޒާރާގެ ޓީމްތަކުން އަންނަނީ ދަފްތަރުވުމާ ގުޅޭ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމަށް ރަށްރަށަށް ޒިޔާރަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 11 އަތޮޅަކަށް އެ ވުޒާރާގެ މުވައްޒަފުން ޒިޔާރަތްކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
• އައްޑޫ ސިޓީ
• ފުވައްމުލައް ސިޓީ
• ގދ. އަތޮޅު
• ގއ. އަތޮޅު
• ލ. އަތޮޅު
• ކ. އަތޮޅު
• ހއ. އަތޮޅު
• ހދ. އަތޮޅު
• ށ. އަތޮޅު
• ބ. އަތޮޅު
• ފ. އަތޮޅު
މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިންގެ ދަފްތަރު އެކުލަވާލެވުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވަމުންދާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށެވެ.
މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.