ހައިވޭގައި ޖަފާއިވާ ސޯލާ ޕެނަލްތައް ނެގުމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޕްރޮޖެކްޓަށް ފަންޑުކުރި ވޯލްޑް ބޭންކާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށާއި، އެކަމާމެދު ގޮތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕްރައިވެޓް ޕާޓީއަކަށް ދީގެން ހައިވޭގައި ޖަހާފައިވަނީ 5.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެކެވެ.
މި މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން އަމިއްލަ ކުންފުންޏަކުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔައީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު ވަނީ އެ މަޝްރޫޢުގެ މަސައްކަތް ނިންމާ އެ ނިޒާމު ބޭނުންކުރަން ފަށާފައެވެ.
ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި، އެހެން ތަނަކަށް ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލަރ ޕެނަލްތައް މިހާރު ހުރިގޮތުން ހައިވޭ ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފައްދަމުންދާތީއާއި ބްރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލޭތީއެވެ.
ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމާ ގުޅޭގޮތުން ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ ވޯލްޑް ބޭންކްގެ ފަންޑުގައި އަމިއްލަ ކުންފުންޏަކުންކަމަށެވެ. ވަޒީރު ވިދާޅުވީ އެކަމަށް ދިގު މުއްދަތެއް ހޭދަވަނީވެސް އެ ސަބަބަށްޓަކާ ކަމަށެވެ. އަދި އެ މަޝްރޫޢަކީ ސަރުކާރުގެ މަޝްރޫޢަކަށް ނުވުމާއި، މިހާރު އެ ނިޒާމުން އުފައްދާ ކަރަންޓު ބޭނުންކުރަމުންދާތީކަމަށެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން ކޮންޓްރެކްޓަރާ އަދި ވޯލްޑް ބޭންކާއެކު މިހާރު ވާހަކަދައްކަމުންދާކަމަށާއި، އެކަމުގައި ދެން ޢަމަލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުންދާކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ.
"ސަރުކާރުގެ އެސެޓަކަށް ނުވާތީ އެއްފަހަރާ އެކަން ކުރަން އުނދަގޫ. ކޮންޓްރެކްޓަރާ ވޯލްޑް ބޭންކާއެކު ވާހަކަދައްކަމުން މިދަނީ، އެހެން ތަނަކަށް ބަދަލުކުރަން ހޭދަވާނެ ފައިސާގެ މިންވަރާއި އެކަން ކުރެވޭނެ ގޮތަކާމެދު." ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ސޯލާ ޕެނަލްތައް އެ ތަނުން ނެގުމަށްފަހު މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުކުރައްވާނެއެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 11 މިލިޔަން ޑޮލަރު ނުވަތަ 169 މިލިޔަން ރުފިޔާއެވެ.
މި ނިޒާމު އެހެން ތަނަކަށް ބަދަލުކުރާނަމަ 170 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް މިދިޔަ އަހަރު އޮކްޓޫބަރުގައި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.