ޚަބަރު

ކުރެންދޫ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅަށް ނިންމަނީ


  • މި ޕްރޮޖެކްޓްގައި އަޅަނީ 10 ފަންގިފިލާގެ 1 އިމާރާތް

  • މިއީ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެއް

ޅ. ކުރެންދޫގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިންމާނެކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާއެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢު އެސްޖޭއާއި ހަވާލުކުރީ މިދިޔަ އަހަރުގެ މަރޗް 19 ވަނަ ދުވަހުއެވެ. 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ. ކުރެންދޫގައި ތަރައްޤީކުރަނީ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތެކެވެ. އެއީ 10 ފަންގިފިލާގެ އިމާރާތެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގައި މިހާތަނަށް ނިމިފައިވަނީ %47 މަސައްކަތްކަމަށެވެ. އަދި އިމާރާތުގެ ކޮންކްރީޓް ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރީ މިމަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާގޮތަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް ލަސްވީ، ޕްރޮޖެކްޓް ފެށިއިރު އެކަމަށް ބޭނުންވާ ބަޖެޓު ފުރިހަމައަށް ހަމަޖައްސާފައި ނެތުމުންކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު މަސައްކަތްތައް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ ކުރީކޮޅަށް މުޅި މަޝްރޫޢުގެ މަސައްކަތް ނިންމުމަށްކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

މި ހައުސިން ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، އާއްމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ޤާއިމުރާނެކަމަށް ގެދޮރުވެރިކަމާ ބޭހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުއަށް ސަރުކާރު 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.