ޚަބަރު

ދުންފަތުގެ ބާވަތްތައް އެތެރެކުރާ މިންވަރު ދަނީ އިތުރުވަމުން


ދިވެހި ރާއްޖެއަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް އިތުރުވިނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ހިފެހެއްޓިފައިވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ދަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅުއްވާފައިވާ ޝިޔާރަކީ " ގެޓް ރެޑީ ފޯ ޕްލެއިން ޕެކޭޖިންގ" މި ޝިޔާރެވެ. މި ޝިޔާރުގެ ދަށުން މިއަހަރުން ފެށިގެން ދުންފަތް ހިމެނޭ ތަކެތި ބަންދުކުރުމުގައި ދުންފަތް އިޝްތިހާރު ނުވާގޮތަށް ބަންދުކުރުމަށް މަސައްކަތް ކުރެވޭނެއެވެ. އެގޮތުން ދުންފަތުގެ އެކި ބާވަތްތައް ޕެކްކުރުމުގައި ޕްލެއިން ޕެކޭޖިންގެ ދަށުން ސިއްހަތުގެ އިންޒާރު ވަރަށް ބޮޑުކޮށް ހުންނާނެއެވެ. އަދި ދުންފަތުގެ ބްރޭންޑް ނަން ލިޔެވޭނީވެސް ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ތެރެއިންނެވެ.

img:http://s2.psmnews.mv/images/660x400/14646904708883.jpg|ދުންފަތާ ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން- ފޮޓޯ: ޒިންހުއާ

މި މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ އޮސްޓްރޭލިއާއިންނެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއް ދުންފަތުގެ އެކި ބާވަތްތައް ޕެކްކުރާއިރު ޕެކިންގެ ބޭރުގައި ބޭނުންކުރަމުން އަންނަނީ ތަސްވީރުން ދޭ އިންޒާރެވެ. އެގޮތުން ރާއްޖޭގައިވެސް ތަސްވީރުން ދޭ އިންޒާރު މިއަހަރުގެ ތެރޭގައި ޖަހަން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސިއްހަތުގެ ނުރައްކާތެރިކަމުގެ އިންޒާރު ދީ ދުންފަތުގެ ބާވަތްތަކުގެ ޕެކިންގެ ލޭބަލްގައި ޖަހަން ފެށީ 2004 ވަނައަހަރުގައެވެ. އޭރު ޖަހަން ފެށިގޮތަށް މިހާރުވެސް ދުންފަތުގެ ބާވަތްތަކުގެ ބޭރުގައި ޖަހަމުން އަންނަނީ ލިޔުމުންދޭ އިންޒާރު އެކަންޏެވެ. މިގޮތަށް ރާއްޖެއިން އަމަލުކުރަން ފެށީ 2004 ވަނަ އަހަރު ރާއްޖެއިން ބައިވެރިވި ބައިނަލް އަޤްވާމީ މުއާހަދާ "ފްރޭމް ވާކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" އަށް އަމަލުކުރަން ފެށުމެގޮތުންނެވެ. މި މުއާހަދާއަށް އަމަލުކުރަން ފެށުމުގެ ގޮތުން ޤާނޫނެއް އެކުލަވާލެވި ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2010 ވަނަ އަހަރުގައެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ބޯޑެއް އެކުލަވާލެވުނެވެ. އަދި މި ބޯޑްގެ ލަފާގެ މަތިން ދުންފަތް ކޮންޓްރޯލް ކުރުމައް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަންފެށިއެވެ. މި ފިޔަވަޅުތަކާއެކު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މިކަމުން ދުރުހެލިކުރުވުމަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދިޔައެވެ. އެގޮތުން ދުންފަތުގެ އިސްތިމާލުކުރުމުން ލިބޭ ގެއްލުންތަކާ ބެހޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި އާންމުންނަށް ދެވެން ފެށުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އިތުރުނުވެ ހިފެހެއްޓިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތުދެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އުމުރު ފުރާއަށް ބަދަލު އައިސްފައިވާކަމަށާއި އެގޮތުން މިހާރު ދުންފަތުގެ އިސްތިޢުމާލުކުރާ ކުޑަކުދިންނާ އަންހެންނުންގެ އަދަދު އިތުރުވަމުން އަންނަކަމަށް އެޖެންސީން މައުލޫމާތުދެއެވެ.

img:http://s1.psmnews.mv/images/660x400/14646905023505.jpg|

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށްދަނީ މުޅި އަހަރަށް ބަހާލައިގެންނެވެ. އެގޮތުން އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކުން މިދުވަސް ދަނީ މިއަދު ފާހަގަކުރަމުންނެވެ. ޑަބްލިއުއެޗްއޯއިން އާންމުކޮށްފައިވާ ދިރާސާއެއް ދައްކާގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ 35 އިންސައްތަ ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާކަމަށާއި، އޭގެތެރެއިން 17 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރަނީ އެކުދިންގެ މައިން ބަފައިންނަށް އެނގިގެންކަމަށް ބުނެފައިވެއެވެ. އެދިރާސާއިން ދައްކާގޮތުން 44 އިންސައްތަ ބެލެނިވެރިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ދަރިންގެ ކުރި މަތީގައި ނުވަތަ ދަރިންނަށް އެނގިގެންނެވެ.

ކުދިން ގެއިން ބޭރުގައި އުޅޭއިރުވެސް ދުންފަތުގެ ދުމުގެ އަސަރު އެކުދިންނަށް ކުރާކަމަށާއި، 60 އިންސައްތަ ކުދިންނަކީ ގެއިން ބޭރުގައިވެސް ދުންފަތުގެ ދުމުގެ އަސަރު ފޯރާކުދިންކަމަށް އެދިރާސާއިން ދައްކައެވެ. އަދި 34 އިންސައްތަ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރަނީ ފާޅުގައި ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.