ޚަބަރު

ރާއްޖޭގައި ލޮނު އުފައްދާ ފެކްޓްރީގެ މަސައްކަތް ދިއްދޫގައި ފަށައިފި


  • މި ފެކްޓްރީ އަޅަނީ ޖަޕާން އަދި ދިވެހި ކުންފުންޏެއް ގުޅިގެން

  • 15000 އަކަފޫޓުގެ ބިމެއް ވަނީ ދޫކޮށްފައި

  • 3 ބާވަތެއްގެ ލޮނު އުފައްދާނެ

ކެއިންބުއިމުގައި ބޭނުންކުރާ ލޮނު ރާއްޖޭގައި އުފައްދާ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ޖަޕާނުގެ ކުންފުންޏަކާ ދިވެހި އަމިއްލަ ކުންފުންޏެއް ގުޅިގެން މި މަސައްކަތް ކުރިއަށްގެންދަނީ ހއ.ދިއްދޫގައެވެ.

ރާއްޖޭގައި ލޮނު ފެކްޓްރީ އަޅަނީ އެމް.ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. މި ފެކްޓްރީ އެޅުމަށް ދިއްދޫ ކައުންސިލުން ވަނީ 15000 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފައެވެ. ދިއްދޫ ކައުންސިލުން ވިދާޅުވީ މި ފްކެޓްރީގެ ސަބަބުން ކައުންސިލަށް އާމްދަނީ އިތުރުވުމުގެ އިތުރަށް ރަށުގައިގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމެއްކަމަށެވެ.

މި މަޝްރޫޢުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ލޮނު ފެކްޓްރީ ހިންގާނެ ކުންފުނީގެ ވެރިޔާ ޙުސައިން ރިސާލް ބުނީ، މިފަދަ މަސައްކަތެއް ރާއްޖޭގައި ކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން މަންފާ ހޯދޭނެކަން އަންގައިދިނުންކަމަށެވެ. އަދި އައު ވިޔަފާރިއެއް ރާއްޖެއަށް ތަޢާރަފުކުރުމަކީވެސް މިފަދަ މަޝްރޫޢުއެއް ހިންގުމުގެ ބޭނުމެއްކަމަށް ރިސާލް ބުންޏެވެ. މިފަދަ މަސައްކަތެއް ރާއްޖޭގައި ދެމެހެއްޓެނިވިކޮށް ކުރެވިއްޖެނަމަ ރާއްޖޭގެ ރަށްރަށްގައި ބޭނުންކުރުމަށާއި، ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މަސައްކަތަކަށްވާނެކަމަށް އޭނާ ދެކެއެވެ.

ފެކްޓްރީގެ މަސައްކަތް ފަށާފައިވަނީ ރާއްޖޭގެ ކަނޑުގެ ލޮނުގެ ކޮލިޓީ ޖަޕާނުގައި ޓެސްޓުކުރުމަށްފަހުއެވެ. ރިސާލް ބުނީ މި ޓެސްޓުތަކުން ފެނުނީ އެހެން ޤައުމުތަކުގެ ކަނޑުގެ ލޮނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ލޮނަކީ ކޮލިޓީ ރަނގަޅު އަދި ސިއްޙަތަށް ފައިދާހުރި މާއްދާތަކުގެ މިންވަރުވެސް މަތި ލޮނެއްކަމަށެވެ.

މި ފެކްޓްރީ ތަރައްޤީކުރަނީ އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ. ރިސާލް ބުނީ ފެކްޓްރީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ، ލަރޖް ޕްރޮޑަކްޝަނެއްގައި މި އުފެއްދުން ތަޖުރިބާކުރާނެކަމަށެވެ. މި ފެކްޓްރީން އުފެއްދޭނެ ލޮނުގެ މިންވަރު އެކަށީގެންވާގޮތުގައި ދެނެގަނެވޭނީ އެއަށްފަހުގައިކަމަށް އޭނާ ބުންޏެވެ.

ފެކްޓްރީގެ މަސައްކަތުގެ %20 މިހާރު ވަނީ ނިންމާފައެވެ. ރިސާލް ބުނީ ރާއްޖެއަށް އޮތް އެންމެ ބޮޑު ފައިދާއަކަށްވާނީ ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް އިރުގެ އަލި ލިބޭ ޤައުމަކަށްވުންކަމަށެވެ. މަސައްކަތް ފަށާނީ 5-6 މުވައްޒަފުންނާއެކުއެވެ.

ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު ހަދާނެއެވެ. މީގެތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާ އަދި ބައެއް ޚާއްސަ ބާވަތްތައް ހިމެނޭނެއެވެ. މީގެއިތުރުން ލޮނު މަސް ތައްޔާރުކުރުމަށް ޚާއްޞަ ލޮނުވެސް ތަޖުރިބާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރާނެއެވެ.

ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވާނެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. ރިސާލް ބުނީ ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ޓެސްޓުކުރާނެކަމަށެވެ.

ދިއްދޫގައި ތަރައްޤީކުރާ ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަކީ ކުންފުނީގެ އަމާޒުކަމަށް ރާއްޖޭގައި ލޮނު އުފެއްދުމަށް މަސައްކަތްކުރާ ކުންފުނިން ބުންޏެވެ. މިއީ ރާއްޖޭގައި ޤާއިމްކުރާ މިފަދަ ފުރަތަމަ ފެކްޓްރީއެވެ.