ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ 22 މަޝްރޫޢުއެއް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށް، އެ ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެ ކުންފުނީގެ ދަށުން މިވަގުތުވެސް 25 ރަށުގައި އަންނަނީ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، މިވަގުތުވެސް އެމްޑަބްލިއުއެސްސީއިން 25 ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި ރަށްތަކުގެ ތެރެއިން 2 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް މަތީން ވަނީ ވިދާޅުވެފައެވެ.
"މި ހުރިހާ ރަށްތަކުގެވެސް މިހާރު ވަނީ %85-%95 މަސައްކަތް ނިމިފައި. 5 ރަށެއްގެ ޢަމަލީ މަސައްކަތް މުޅިން ނިންމައިފިން. އަމާޒަކީ އެހެން ހުރިހާ ރަށްތަށް މިއަހަރުގެ ނިޔަލަށް ނިންމުން." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، އެމްޑަބްލިއުއެސްއިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްކަކީ އެ ކުންފުންޏަށް އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށާއި، އެއީ ރައްޔިތުންނަށް މުހިންމު އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ކުރަމުންދާ މަސައްކަތެއްކަމަށެވެ.
މިގޮތުން ރަށްރަށުގައި ފަށާ މަސައްކަތް ނުނިމި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކަކާ އެމްޑަބްލިއުއެސްސީއިން ހަވާލުވެ، އެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ. މަތީން ވިދާޅުވީ މި ރަށްތަކުގެ ދިރާސާތައްކޮށް، ވަރަށް އަވަހަށް އެއްބަސްވުންތަކާ ހަމައަށް ދާނެކަމަށެވެ.
"ސަރުކާރާއެކު މަޝްވަރާކޮށްފައި މިވަނީ 22 ރަށުގެ މަސައްކަތާ އެމްޑަބްލިއުއެސްސީއިން ހަވާލުވުމަށް. ސަރވޭއާދި ޕްރޮޕޯޒަލް ހަދާ، މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިދަނީވަމުން. މީގެތެރެއިން ގިނަ ރަށްތަށް އަންނަ އަހަރަށް ނިންމާލުން އަމާޒަކީ." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މި ރަށްތަކުގައި މަސައްކަތް ނިމިފައިވަނީ ވަރަށް ކުޑަ އިންސައްތައެއްކަމަށެވެ. ބައެއް ރަށްތަކުގައި މަސައްކަތް ނިންމާފައިވަނީ %10އަށްވުރެވެސް ކުޑަ މިންވަރަކަށެވެ.