ރާއްޖޭގައި ބަންކަރިންގެ ޚިދުމަތްފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން ގެންނަ ދެ ބޯޓު މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށްޓައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައެވެ.
ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެ ގެންނަ ދެބޯޓު މިހާރު އޮތީ ރާއްޖެ އައުމުގެ މަގުމަތީގައިކަމަށެވެ. މި 2 ބޯޓަށް މިމަހުގެ 8 ވަނަ ދުވަހު މާލެ އާދެވޭނެކަމަށާއި މިމަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ބޯޓު ރާއްޖޭގެ އުތުރަށް ގެންދެވޭނެކަމަށް ޝިމާދު ވިދާޅުވިއެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.
"ބަންކަރިން ފެށުމަށް ދެބޯޓެއް މިހާރު ރާއްޖެ އައުމުގެ މަގުމަތީގައި ވީ. އެއީ ގާތްގަނޑަކަށް ކޮންމެ ބޯޓެއްގައި 4000 ޓަނުގެ ފިއުލް. އަޅުގަނޑުމެން ފަށައިމިގަންނަނީ އެންމެ ބޮޑެތި ސައިޒަކުންނެއް ނޫން. އެއީ ހޭންޑީ ސައިޒް މިކަހަލަ މަސައްކަތްތަކަށް. ވިޔަފާރި އިތުރަށް ފުޅާކުރެވެމުންދާވަރަކަށް ބޯޓުތައް އިތުރަށް ބޮޑުކުރަމުންދާނީ. މި ބޯޓުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިއުލް ޑިސްޓްރިބިއުޓްކުރަންވެގެން ބަހައްޓަންޖެހޭ ފިއުލް ބަހައްޓަންވެސް ވަރަށް މުހިންމު ބޯޓުތަކެއް. މިމަހު 8 ގައި މާލެއަށް ބޯޓު ގެނެސްފައި 11 ނުވަތަ 12 ވަނަ ދުވަހު ގެންދާނީ އުތުރަށް." ޝިމާދު އިބްރާހީމް ވިދާޅުވިއެވެ.
ބަންކަރިންގެ ޚިދުމަތާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުންނަކަށެވެ. އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެތަނުގައި އެސްޓީއޯ، ކަސްޓަމްސް، އަދި އެމްޕީއެލް ފަދަ ސަރުކާރުގެ މުއައްސަސާތައް ޤާއިމްވެތިބޭނެކަމަށް ވަޖީހު ވިދާޅުވިއެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ޢިމާރާތް ހުޅުވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.
"އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް 12 ގައި ފަށައިފިނަމަ ހަމަ އެދުވަހުން ފެށިގެން އަޅުގަނޑުމެން ދޭނަން ދެން އޮތް ޚިދުމަތް. އެއީ ބޯޓަށް ތެލުގެ ޚިދުމަތުގެ އިތުރަށް ބޭނުންވާނެ ވަރަށް ގިނަ ޚިދުމަތް އޭގެތެރޭގައި ފެނާއި، ކާބޯތަކެއްޗާއި، އެއްވެސް ކަހަލަ ޚިދުމަތެއް ބޯޓަށް ބޭނުންވެއްޖެނަމަ އެ ޚިދުމަތެއް ފޯރުކޮށްދެވޭގޮތައް މިހާރު އެމްޕީއެލް އޮތީ ތައްޔާރަށް." ވަޖީހު ވިދާޅުވިއެވެ.
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބެކެވެ. އެހެންކަމުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެ ނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.