ދިވެހިރާއްޖޭގައި ފެހުރިހި ޙިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާޙައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި، އައު ޤާނޫނީ އުސޫލެއް ދިވެހި ސަރުކާރުން އެކުލަވާލައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މި އުޞޫލު ތަޢާރަފުކޮށް، ޢާންމުކުރީ ދުނިޔޭގެ ފެހުރިހީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އދ. ދިގުރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ފެހުރިއްސާއި އެ ތަކެތީގެ މާޙައުލުތައް ޙިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް އެންމެ ފުރަތަމަ އެކުލަވާލާ ޢާންމުކުރެވުނީ 5 ޖޫން 2009 ގައެވެ. އެ އުޞޫލަށް މިހާރު ވަނީ ފާހަގަކުރެވޭ ބަދަލުތަކެއް ގެނެސްފައެވެ. މި އައު އުޞޫލަށް ޢަމަލުކުރަން ފަށާނީ 3 މަސްދުވަސް ފަހުންނެވެ.
ފެހުރިހި ޙިމާޔަތްކުރުމާ ގުޅޭ އައު އުޞޫލުގައި، ޤުދުރަތީ މާޙައުލުގައި ދިރިއުޅޭ ފެހުރިހީގެ ޠަބީޢަތު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، އެތަކެތީގެ މާޙައުލަށް ގެއްލުމެއް ނުލިބޭނެ ގޮތަށް އިންސާނުންގެ ޢަމަލުތައް ބައްޓަންކުރަންވީގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިމަނާފައިވެއެވެ.
• މޫދަށް އެރި އުޅޭއިރު ފެހުރިއްސާ ތިން މީޓަރަށް ވުރެ ކައިރި ނުވުމާއި އޭގެ ނިގޫކޮޅާ ދިމާލުން ހަތަރު މީޓަރަށް ވުރެ ކައިރި ނުވުން
• ފެހުރިހީގައި އަތްލައި ގޯނާކޮށްގެން ނުވާނެ އަދި އޭގެ އުރަހައިގައި ހިފަހައްޓައިގެން ފަތާ ނުވަތަ ފީނާ ހަދައިގެން ނުވާނެ
• ފެހުރިހި ދަތުރުކުރާ ދިމާލަށް ހުރަސްއަޅައިގެން ނުވާނެ
• ފެހުރިހީގެ މައްޗަށްވާ ގޮތަށް ފީނާ ނަމަ، މަދުވެގެން 20 މީޓަރުގެ ދުރުމިން ބަހައްޓަންވާނެ
• ފެހުރިއްސަށް ކާންދިނުމަކީ މަނާކަމެއް
• އެއްވެސް ބާވަތެއްގެ އައްޔެއް ނުވަތަ ފްލެޝްއެއް ބޭނުންކުރުމަކީ މަނާކަމެއް
• ފެހުރިހި އުޅޭ ސަރަހައްދަށް އުޅަނދުތައް ކައިރިކޮށްގެން ނުވާނެ
• ފެހުރިހީގެ ޑްރޯން ފޮޓޯ ނަގަން ވާނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 30 މީޓަރަށް ވުރެ މަތިން
• ފެހުރިހި ފެންނަ ސަރަހައްދުގައި ސެލްފީ ސްޓިކް ބޭނުންކުރުން މަނާވާނެ
މި އުޞޫލުގައިވާގޮތުން ފެހުރިހީގެ ވަށައިގެންވާ 250 މީޓަރުގެ ސަރަޙައްދަކީ "ކޮންޓެކްޓް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. މި ޒޯނުގައި އެއްފަހަރާ ޙަރަކާތްތެރިވެވޭނީ ގިނަވެގެން 3 އުޅަނދަށެވެ.
ކޮންޓެކްޓް ޒޯނުގައި އުޅަނދުފަހަރުގެ ދުވެލި ގަޑިއަކު 5 ނޮޓަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި ފެހުރިހީގެ 50 މީޓަރު ސަރަޙައްދުގެ ތެރޭގައި އުޅަނދުފަހަރުގެ ދުވެލި ބަހައްޓަންވާނީ ގަޑިއަކު 2 ނޮޓުގައެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ކޮންޓެކްޓް ޒޯނުން ނުކުތުމަށް ގަޑިއަކު 5 ނޮޓަށްވުރެ ބާރަށް ދުއްވަން ޖެހިއްޖެނަމަ، ވީއެންމެ އަވަހަކަށް އެ ޒޯނުން ނުކުތުމުގެ ހުއްދަ ދެވިފައިވެއެވެ.
މީގެއިތުރުން، މޫދު ކުޅިވަރުތަކަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އުޅަނދެއް މި ޒޯނަށް ވެއްދުމަކީ މަނާކަމެކެވެ.
• ވަލެއްގައި ނުވަތަ މޫރިން ލައިނެއްގައި ނުވަތަ އޮއެވާލި ކަނދުފައްޗެއްގައި ޖެހިފައިވާ ދިރިއޮތް ފެހުރިއްސެއް ދިމާވެއްޖެ ނަމަ، އީޕީއޭއަށް އަވަހަށް އަންގަންވާނެ
• ވަޅިއަކުން ނުވަތަ ތޫނު އާލާތެއްގެ އެހީގެ ފެހުރިހީގައި އޮޅިފައިވާ ވާ ނުވަތަ ދާ، އެއަށް ގެއްލުން ނުވާނެ ގޮތަކަށް ކަނޑައި ވަކިކުރުމަށް ފަހު މިނިވަންކުރަންވާނެ
• އޮއިވާލި އަނބުރާ މޫދަށް ދޫކޮށްނުލައި އެއްގަމަށް ގެންދަންވާނެ
• ބުރަފަތިން ޖެހި ނުވަތަ ގުދުރަތީ ހާދިސާއެއް ސަބަބުން އަނިޔާވެފައިވާ ފެހުރިއްސެއް ފެނިއްޖެ ނަމަ، އޭގައި އަތްނުލާ ނުވަތަ ތަނަކަށް ގެންދިއުމުގެ ބަދަލުގައި އެއަށް ލިބިފައިވާ ޒަހަމްތައް އަމިއްލައަށް އޭގެ ގުދުރަތީ މާހައުލުގައި އަމިއްލަށް ފަސޭހަވުމަށް ފުރުސަތު ދޭންވާނެ
ތިމާވެށްޓާބެހޭ މިނިސްޓްރީން އާންމުކޮށްފައިވާ އުޞޫލުގައި، މަރުވެފައިވާ ނުވަތަ މަރައިލާފައިވާ ފެހުރިއްސާމެދު ޢަމަލުކުރަންވީ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިމަނާފައިވެއެވެ. މީގެ އިތުރުން، މި ދިރުންތަކުގެ މާޙައުލުތަކުގައި ޢަމަލުކުރަންވީ އެންމެ ރަނގަޅު ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު، ޙިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކަމަށް އެ މިނިސްޓްރީން އިންޒާރުދީފައިވެއެވެ.
ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހު، އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގެ "ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީޒް" ގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަނަވާރެކެވެ.