ޚަބަރު

ސީޝެލްސްގެ ދަތުރުފަތުރާބެހޭ ވުޒާރާގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި


  • ބޭނުމަކީ މިފަދަ މެގަޕްރޮޖެކްޓެއްގައި ރާއްޖޭން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަތުން

  • ސީޝެލްސްއިން އެއަރޕޯޓް ތަރައްޤީ ކުރުމުގައި ރާއްޖޭގެ ތަޖުރިބާގެ ބޭނުން ހިފާނެ

ތަޖުރިބާ ހޯދުމަށް ސީޝެލްސްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވީ، މިއީ ސީޝެލްސް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް ކުރި ޒިޔާރަތެއްކަމަށެވެ.

މިޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އާއި އެމިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުންވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަފްލާހާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުއާޒް ރަޝީދާއި، ދިވެހިރާއްޖޭން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލް މުހައްމަދު ފިރާޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ސީޝެލްސްގެ ވަފްދުން ބުނީ މިޒިޔާރަތުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖޭން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެތަޖުރިބާގެ ބޭނުން ހިފުމެވެ. އެހެންކަމުން ސީޝެލްގެ އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި، ގެންގުޅުއްވާ ވިސްނުން ހިއްސާކޮށް އެކަމުގައި އެމްއޭސީއެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާ ހޯދާފައިވާކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ޤައުމަކުން މިހާ ފުރިހަމަ އެއަރޕޯޓެއް ތަރައްޤީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ޚިޔާލު ބަދަލުކޮށްފައިވެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި، އެއަރޕޯޓުގެ މަސައްކަތްތައް ހިނގަމުންދިޔަ ދުވެލި ބާރު ކުރުމަށް ކުރެވެމުންދާ ކަންކަން ވެސް ސީޝެލްސްގެ ވަފްދާ ހިއްސާ ކޮށްފައިވެއެވެ.

މިބައްދަލުވުމަށްފަހު ވަފުދުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލާފައެވެ. އަދި ތަރައްޤީ ކުރަމުން އަންނަ އައު ޓާރމިނަލާއި އެއާއިގުޅޭ އެހެނިހެން މަސައްކަތްތައްވެސް ވަނީ ބަލާފައެވެ.