ތިމާވެށި

ތިމާވެށީގެ ރޮނގުން ރާއްޖެއިން ކުރާ މަސައްކަތަށް އީޔޫގެ ތަޢުރީފް


މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިވަގުތު ރާއްޖެވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން ތަޢުރީފުކޮށް ޝުކުރުއަދާކުރައްވައިފިއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި ޔޫރަޕިއަން ޔުނިއަންގެ ވަފުދުގެ ބޭފުޅުން މިއަދު މެންދުރުފަހު އެމިނިސްޓްރީގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފަރަންސޭސިވިލާތުގެ ޕެރިހުގައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ކޮޕް 21 ކާމިޔާބު ސަމިޓަކަށް ހަދަން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރި މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ވަރަށް ތަފުސީލުކޮށް ޔޫރަޕިއަން ޔުނިއަންގެ ބޭފުޅުންނަށް އޮޅުން ފިލުއްވައިދެއްވިއެވެ.

ޔޫރަޕިއަން ޔުނިއަނުން ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުން މިހާރު ގެންދަވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.