މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދަ މިހަފްތާގެ ތެރޭގައި ދޭންފަށާނެކަމަށް އިސްލާމީކް ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިސްކިތްތަކުގައި 2 ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް މި ހަފްތާފައި ހުއްދަ އަރުވާނެކަމަށެވެ. އަދި މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދެވޭނެކަމަށާއި މިކަމަށް ޝައުޤުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހާފިޒުން ދަސްވެނިވާ އިރު ލާ ގައުން ފަރުމާކުރަން އަންނަ ހަފްތާގައި އިއުލާންކުރާނެކަންވެސް ވަޒީރު މިއަދު ވަނީ ވިދާޅުވެފައެވެ. އެ ގައުންތަކުން އިސްލާމީ ސަޤާފަތާއި ޢިލްމާއި ޙަޟާރަތުގެ ރަމްޒުވާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެ ކުރީގެ އަހަރުތަކުގެ ތެރޭގައި ހިންގި ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކްލާސްތައް ހިލޭ ހިންގިފައިނުވެއެވެ. ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް ކުރައްވާ މަސައްކތުގެ ތެރެއިން ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމަކަށްވާތީ ސަރުކާރުން ވަޢުދުވިގޮތަށް އެ ފުޅާ މިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.