ޚަބަރު

މަސްވެރިންގެ ހުރިހާ ފައިސާއެއް ޚަލާސްކޮށްފި، މިހާތަނަށް 1ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި


  • އެންމެ ފަހުން ދޫކުރީ 53 މިލިއަން ރުފިޔާ

  • މީގެފަހުން މަހުގެ އަގު ކޮންމެ ހަފްތާއަކު ޢާންމުކުރާނެ

  • މަސް ކިރުވާނީ ދުނިޔޭގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގަށް ރިޔާއަތްކޮށް

މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކާ ޚަލާސްކޮށްފައިވާކަމަށާއި، މިހާރު މަސްވެރިންނަށް ނުދެވި އެއްވެސް ފައިސާއެއް ނެތްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެންމެފަހުން މަސްވެރިންނަށް ދޫކޯށްފައިވަނީ 53 މިލިއަން ރުފިޔާއެވެ. މި އަދަދަކީ ނިމުނު ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ އަދަދެވެ.

ސަރުކާރުން މީގެކުރިންވެސް ވަނީ އެ ފައިސާ 1 ޖުލައިން ފެށިގެން ޖަމާކުރަމުންދާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދީފައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިން ކިރުވާ މަހަށް މީގެފަހުން 2 ހަފްތާގެ ތެރޭގައި ފައިސާ ދެމުންދާނެކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މަސްވެރިންނަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ޙައްލުކުރުމަށް މިފްކޯއިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަންވެސް މިހާރު ވަނީ ފަށާފައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް ޢިއުލާނުކުރާގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން މި ހަފްތާގައި އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެކަމަށެވެ.