ޚަބަރު

މަތީ ތަޢުލީމު ލިބިފައިވާ މީހުންގެ ކިބައިން އަޚްލާޤީ ރިވެތި ސިފަ ފެންނަންވާނެ: މަހާޒް


  • ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ މީހުން ގިނަ ނަމަވެސް ރިވެތި އަޚްލާޤު ދަނީ ދަށަށް

  • އައިޔޫއެމުން ދަސްވެނިވާ ކޮންމެ ދަރިވަރެއްގެ ކިބައިންވެސް އިސްލާމީވަންތަކަން ފެންނަންވާނެ

މަތީ ތަޢުލީމު ހާސިލުކޮށްގެން ދަސްވެނިވާ ކޮންމެ މީހެއްގެ ކިބައިން އަޚްލާޤީ އެންމެ މަތީ ދަރަޖައިގެ ސިފަތައް ފެންނަން ހުންނަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުވަނީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާއަށާއި އަދި ތަޢުލީމު ޙާސިލުކޮށްގެން ނިކުންނަ މީހުންގެ ކިބައިން ފެންނަ ނޭދެވޭ ބައެއް ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ކަންކަން ހުއްޓާލާ އިސްލާމީ އަޚްލާޤީ ރިވެތި ސިފަތައް އަށަގަންނުވަންޖެހޭކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ. މަހާޒް ވިދާޅުވީ މަތީ ތަޢުލީމު ހާސިލުކުރަމުންދާ ފަރާތްތައް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި އިތުރުވެފައިވީ ނަމަވެސް ތަޢުލީމީ ޖީލަކުން ފެންނަ ފަދަ އަޚްލާޤީ މިންގަނޑު މުޖުތަމަޢުން ފެންނަމުން ނުދާކަމަށެވެ.

މަހާޒްވަނީ މުޖުތަމަޢުން ފެންނަމުންދާ ނޭދެވޭ ކަންކަން ބަދަލުކުރުމަށް އައިޔޫއެމުން ދަސްވެނިވި ދަރިވަރުން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މަހާޒުގެ ވާހަކައިގައި ތަޢުލީމީ ޖީލަކީ އަބަދުވެސް ތަޢުލީމު ހޯދުމަށް ޝައުގުވެރިވާންޖެހޭނެ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ތިމާ ބޭނުންކުރާ ބަސްމަގާމެދު ސަމާލުވުމަށް މަހާޒްވަނީ ތަކުރާރުކޮށް ދަސްވެނިންނަށް އިލްތިމާސްކުރައްވާފައެވެ.

"ދަސްވެނިވެގެން ނިކުންނަ ތަޢުލީމީ ބައެއްކަން އަޅުގަނޑުމެންގެ އަޚްލާޤުން ފެންނަންވާނެ. އެހެންނަމަވެސް ބަސްމަގު ބޭނުންކުރުމުގައި ކިތައް ފަހަރުތޯ އަނެކާގެ ހިތުގައި ޖެއްސެނީ. އަނެކާގެ އަބުރަށް އަރައިގަނެވެނީ ކިހިނެތްތޯ ވިސްނަން މިއަދު ޖެހޭނެ. ބަހެއް ބުނުމުގެ ކުރިން އޭގެ ނަތީޖާ ނިކުންނާނެގޮތަކާއި މެދު ވިސްނަންވާނެ." މަހާޒް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީއަކީ ރާއްޖޭގައި ތަފާތު ދައްކާ މުއައްސަސާއެއްކަން ފާހަގަކުރައްވަމުން އެހިޔާވަހިކަމުން ތަޢުލީމު ޙާސިލުކޮށްގެން ނުކުންނަ ދަރިވަރުން އެހެން ތަންތަނުން ތަޢުލީމު ޙާސިލުކޮށްގެން ނުކުންނަ ދަރިވަރުންނާއި ތަފާތުވާންޖެހޭނެކަމަށް މަހާޒް ވިދާޅުވިއެވެ. އެގޮތުން އެތަނުން ނުކުން ހުރިހާ ދަރިވަރުންގެ ކިބައިގައި އެއްކަން ހަރުލާފައި ހުންނަންވާނެކަމަށް ވިދާޅުވަމުން މަހާޒްވަނީ އިސްލާމީ ވަންތަކަން އައިޔޫއެމްގެ ދަސްވެނީންގެ ކިބައިގައި ހުންނަންވާނެކަމަށެވެ.

އެގޮތުން އެތަނުން ނުކުންނަ ދަރިވަރުންނަކީ ދީނާ މެދު އެހެން މުއައްސަސާތަކުން ނުކުންނަ ދަރިވަރުންނަށްވުރެ އިތުރަށް ވިސްނާ ބައެއްކަމުގައި ވުމަށް މަހާޒްވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދީނާއި ޚިލާފު ކަންކަން ހިނގާނަމަ އެކަންކަމާ މެދު ބަސްބުނުމުގެ ހިތްވަރާއި އެބަސްބުނުމުގެ އަޚްލާޤީ ސިފަ ހުންނަންވާނެކަމަށް ވިދާޅުވިއެވެ.

މަހާޒްގެ ވާހަކައިގައިވަނީ ތަޢުލީމު ޙާސިލުކުރުމުގައި ދިވެހި ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ދިވެހި އުފެއްދުންތެރި ލިޔުން ނެތުމުގެ ކަންބޮޑުވުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަދު ދަސްވެނިވާ ދަރިވަރުންނަކީ ލިޔުންތެރިކަމުގައި އުފެއްދުންތެރި ބަޔަކަށްވުމަށް ދަސްވެނީންގެ ކިބައިން މަހާޒްވަނީ އެދިވަޑައިގަންނަވާފައެވެ.