ރާއްޖޭގައި އިސްލާމީ މަތިވެރި އަޤީދާ ދަމަހައްޓާ ޒުވާނުންތަކެއް ބިނާކުރުމުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ވިދާޅުވީ އައިޔޫއެމުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދިވެހީންގެ އިސްލާމީ އަޚްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް އަދާކުރާނެ ދަރިވަރެއްކަމުގައިވާނެ ކަމަށް ޔަގީންކުރައްވާކަމަށެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފްވަނީ އައިޔޫއެމުން ރާއްޖޭގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އަދާކުރަމުންދާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެޔުނިވަރސިޓީން ދަސްވެނިވެގެން ޤައުމީ ޚިދުމަތަށް ނުކުންނަ ކޮންމެ ޒުވާނަކީ އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތަކާއި ޤައުމިއްޔަތުގެ މުހިއްމު ބަހާތަކަށް ރައްކާތެރިވާނެ ދަރިވަރުންތަކަކަށްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ކަންކަން ބައްޓަންވެފައިވާ ގޮތުން މަތީ ތަޢުލީމު ޙާސިލުކުރާ ފަރާތްތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވަމުންދާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ވަޒީފާ އަދާކުރަމުން ޢާއިލާގެ ޒިންމާ އަދާކުރަމުން ކިޔެވުން ފުރިހަމަކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ އަމާޒަކީ މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންގެ ދަތިތައް ދެނެގަނެ ލުއިފަސޭހަ ގޮތްތަކެއް އެދަރިވަރުންނަށް ހޯދާދިނުން." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ މަތީ ތަޢުލީމު ޙާސިލުކުރުމަށްފަހު ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް ފުރަތަމަ، ޤައުމީ މަސްލަޙަތަށާއި މުޖުތަމަޢުގެ ހަމަޖެހުމަށް އިސްކަންދިނުމަށް އައިޔޫއެމުން ދަސްވެނިވި ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ތަޢުލީމީ ހަރުފަތް ނިމުނުނަމަވެސް ޢިލްމީ ދިރާސާކުރުން ގިނަ ކުރުމަށާއި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރުކޮށް އަމިއްލަ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓާނުލުމަށް ނައިބު ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.
އިސްލާމިކް ޔުނިވަރސިޓީގެ މިއަހަރު 494 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. އައިޔޫއެމްއަކީ ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް ޔުނިވަރސިޓީއެވެ.