ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.
ކ. މާފުށީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތައް އޭސީ ކުރުމަށް ހިންގާ "ކޫލް ސްކޫލް" މަޝްރޫޢު ފައްޓަވާދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢެވެ.
އޭސީ ހަރުކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ސަރުކާރު ހުރިހާ ސްކޫލެއްގެ ކުލާސްރޫމްތަކުގައި ހަރުކުރާ އޭސީތަކަށް ދޭ ކަރަންޓުގެ %30 ވާނީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން ކުލާސްރޫމްތަކުގައި އޭސީ ހަރުކުރުމާއެކު މިހާރު ސްކޫލްތަކުން ކަރަންޓު ބިލަށް ދައްކާ އަދަދަށް އިތުރުވަނީ 38 އިންސައްތަ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އޭސީ ހަރުކުރުމުގެ މަޝްރޫޢު ނިމުމުން ކޮންމެ ރަށެއްގައިވެސް އައު ސިނާޢަތެއް އުފެދޭނެ ކަމަށެވެ. އެގޮތުން އޭސީގެ މެއިންޓަނެންސްގެ ކަންކަން ބެލެހެއްޓުމާއި އޭސީ ސަރވިސްކުރުން ފަދަ މަސައްކަތްތައް ކޮށްދޭނެ މީހުން ބޭނުންވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް އައު މަސައްކަތްތަކެއް ލިބި އާމްދަނީ އިތުރުކުރެވޭނެ އިތުރު މަގު ތަނަވަސްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މާފުށި ސްކޫލްގެ ޕްރިންސިޕަލް އަބްދުއްނާސިރު މުހައްމަދު ވިދާޅުވީ ޖައްވު ހޫނުވުމުގެ ސަބަބުން ދަރިވަރުން ކަންބޮޑުވުމާއި ހާސްކަން ތަހައްމަލްކުރަން ޖެހޭކަމަށެވެ. މިހެންވުމުން ދަރިވަރުން ތައުލީމު ހާސިލްކުރަން ކުރާ ހިތްވަރު ދައްވެ ކިޔެވުމަށް ބަހައްޓަން ޖެހޭ ޝައުގުވެރިކަން ދައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން މި ފެށި މަސައްކަތުގެ ސަބަބުން ދަރިވަރުން ކިޔަވަން ޝައުގުވެރިވެ މަސައްކަތުގައި މަޝްއޫލުވާލެއް ބޮޑުވެގެން ދާނެކަަށް އޭނާ ވިދާޅުވިއެވެ.
" މިކަމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ފޯކަސްކުރަން ފަސޭހަވެގެން ދާނެކަން ޔަގީން. މުދައްރިސުންގެ މަސައްކަތައް ފަހިކަން އަންނާނެ. އަދި މިކަމުން ދަރިވަރުންގެ ތައުލީމަށް ހެޔޮ ބަދަލުކުރާނެކަން އަޅުގަނޑު ގަބޫލް ކުރަން" މާފުށި ސްކޫލް ޕްރިންސިޕަލް އަބްދުއްނާސިރު މުހައްމަދު ވިދާޅުވިއެވެ.
ދަރިވަރުން ކިޔެވުމަށް ރަނގަޅު މާހައުލެއް ގާއިމްކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ.
މިފެށި ކޫލް ސުކޫލް ޕްރޮޖެކްޓާ ގުޅިގެން މާފުށީ ސުކޫލް ދަރިވަރުންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. އެކުދިން ބުނީ ކްލާސް ރޫމްތައް އޭސީ ކުރެވޭތީ އުފާކުރާކަމަށާއި އެކަމާ މެދު ހިތްހަމަޖެހޭކަމަށެވެ.
" އަޅުގަނޑުމެން ވަރަށް އުފާވޭ އޭސީ ހަރުކުރާތީ. އަބަދުވެސް ބޭނުންވޭ ފިނީގައި ތިބިގެން ކިޔަވަން. އެހެންވީމަ ކުލާސްތައް އޭސީ ކުރާތީ އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ" ދަރިވަރުން ބުންޏެއެވެ.
ސަރުކާރުގެ އަމާޒަކީ ފެށިގެން މިދިޔަ ކޫލް ސުކޫލް ޕްރޮޖެކްޓްގެ ދަށުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާލުމެވެ.