ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ހައްޖުވެރިންނާއި ގުޅޭ ހުރިހާ ކަންކަން ފުރިހަމައަށް އިންތިޒާމްކޮށް، އެކަންކަން ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ ހައްޖުވެރިންނާއި ބައްލުކުރެއްވުމަށް އެއރޕޯޓަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ހައްޖުވެރިންނާއި ގުޅުންހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހައްޖާޖީން ފުރުމުގެ ކަންކަން ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެކި މުވައްސަސާތަކުން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައިވާކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަމަށާއި، އެއީ ތައުރީފް ހައްގު މަސައްކަތެއްކަމަށެވެ. އަދި ރާއްޖެއިން ފުރުމުގެ އިންތިޒާމްތަކުގެ އިތުރުން މައްކާއާއި މަދީނާގައިވެސް ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމްކޮށްފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހައްޖުވެރިންގެ ކަންކަން އަމާންކަމާއި އޮމާންކަމާއި އެކީ ގެންދެވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ. އަދި ހައްޖުވެރިންގެ ހުރިހާ ކަމެއް ވީހާވެސް ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެކަކު އަނެކަކަށް އެހީތެރިވެގެން ބަލިމީހުން އުޅޭނެ މުސްކުޅިން އުޅޭނެ. އެހެންވީމައި ޒުވާނުން މުސްކުޅިންނަށް އެހީތެރިވާން ޖެހޭނެ. ހެޔޮ ސިއްހަތެއްގައި ތިބި މީހުން ބަލި މީހުންނަށް އެހީތެރިވާން ޖެހޭނެ. އިރާދަކުރެއްވިއްޔާ މިނިސްޓްރީގެ ފަރާތުން މިކަންކަން މި ދަނީ ބަލަމުން ދަތިތަކެއް ހުރިނަމަ އެކަމެއް ފިލުވަމުން. ރައީސުލްޖުމްހޫރިއްޔާ މިކަމަކީ ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމެއް ހައްޖުވެރިންގެ ކަންތައްތަކަކީ. އަޅުގަނޑުމެންނަށް މަތިކޮށްފައިވަނީ މި ކަންކަން ވަރަށް ގާތުން ބަލާ. ކަންކަން ހައްލުކޮށް ކުރިއަތް ދިޔުމަށް" ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ހައްޖަށް ދިޔުމަށް ކޯޓާ އިތުރުކުރުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސަރުކާރުން ކުރަމުންގެންދަވާކަމަށެވެ.