ތިމާވެށި

މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކުރުމުގައި ރާއްޖެ ނަމޫނާއަކަށް


މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދިމާވާ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެކަންކަމަށް ތައްޔާރުވުމުގައި މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ރާއްޖެ ހެއްދެވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއާއި، "ރީޖަނަލް އިންޓަރގްރޭޓެޑް މަލްޓި-ހަޒާޑް އަރލީ ވަރނިންގ ސިސްޓަމް" ރައިމްސް އާއި ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ "ނެޝަނަލް މޮންސޫން ފޯރަމް" ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

މިއީ ރައިމްސްއާއި ގުޅިގެން ރާއްޖޭގައި މި ފޯރަމް ބާއްވާ ފަސް ވަނަ އަހަރެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، ކޮންމެ އަހަރަކުވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު، ރަށްގިރުމާއި، ރަށްރަށުގައި ފެންބޮޑުވުން ފަދަ މައްސަލަތައް ޒަމާނުއްސުރެ ރާއްޖެއަށް ކުރިމަތިވަމުންދާކަމަށާއި، މިފަދަ ކަންކަމުން ލިބޭ ގެއްލުންތައް ކުޑަކޮށް، މިކަންކަމާއިމެދު އާއްމުން ހޭލުންތެރިކުރުވުން މުހިއްމުކަމަށެވެ. އަދި މިކަން އެންމެ އެދެވޭގޮތުގައި ކުރެވޭނީ މީޓިއޮރޮލޮޖިކަލް ދާއިރާ ހަރުދަނާކުރެވިގެންކަން ފާހަގަކުރައްވާ، ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މަސައްކަތްތައް ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިނިސްޓަރ ޠާރިޤު ވަނީ އަލިއަޅުއްވާލައްވަވާފައެވެ. 

އެގޮތުން ހުޅުލޭގައި ޤާއިމުކޮށްފައިވާ ޑޮޕްލަރ ވެދަރ ރާޑަރ މަރާމާތުކޮށް، ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ އިލެކްޓްރޯނިކް ވެދަރ ސްޓޭޝަންތައް މަރާމާތުކޮށް، އެތަންތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއަކީ "އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ ސްޑޭންޑަޑައިޒޭޝަން"، އައި.އެސް.އޯ ޤަބޫލުކުރާ މިންގަނޑަށް މަސައްކަތް ކުރާ ތަނަކަށް ހެއްދެވުމަށް، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން މަަދުވުންކަމަށާއި، މިދާއިރާއިން މީހުން ތަމްރީން ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

ނެޝެނަލް މޮންސޫން ފޯރަމްގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމްގައި މޫސުމާއި ބެހޭ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންނާއި، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، މީޑިއާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ