ޚަބަރު

ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި


  • ނައިބު ރައީސް މިގޮތަށް ގޮވާލެއްވީ އެކްސްގައި ކުރެއްވި ޓުވީޓެއްގައި

  • އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލްކުރުމަށް ވަނީ ހިތްވަރުދެއްވާފައި

ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ދިރާސީ އައު އަހަރުގެ ހެޔޮއެދުން ފޮނުވަމުން ނައިބު ރައީސްވަނީ މި ފެށޭ ދިރާސީ އައު އަހަރުގެ ތަޙުނިޔާ ދަރިވަރުންނަށާއި، މުދައްރިސުންނަށް އަރިސްކުރައްވާފައެވެ. އަދި އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް ނައިބު ރައީސް ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވާފައެވެ.

ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ ދަރިވަރަކީވެސް މުޖުތަމައަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

މި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އަންނަ އޮކްޓުބަރު މަހުގެ 6 ވަނަ ދުވަހު ދެވަނަ ޓާމް ފަށާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭނީ އަންނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.