ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވުން، އެކަށީގެންވާ މިންވަރަށް މަދުނުވާކަމަށާއި އެހެންނަމަވެސް މިބަލީގައި މީހުން މަރުވާ އަދަދު ދަށްވެފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ހާމަކުރައްވައިފިއެވެ. މޯލްޑިވިއަން ބަލަޑް ސަރވިސްގެ ދަފްތަރުގައި ތެލެސީމިއާ ބަލީގައި ލޭއަޅާ 621 ކުއްޖަކު އެބަތިއްބެވެ.
ތެލެސީމިއާގެ ކުދިން އުފަންވާކަން ދިވެހިންނަށް ޢާންމުކޮށް ފާހަގަކުރެވެންފެށި މީގެ 40 އަހަރު ކުރިންނެވެ. މިއީ ދިގުމުއްދަތަކަށް ލޭ އަޅަންޖެހޭ ބައްޔަކަށްވުމާއެކު، މިކަމާމެދު އާންމުން ޙޭލުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާތަކުން ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް ރާއްޖޭގައި މިކަން ކޮންޓްރޯލްވަމުން ނުދާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ.
ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭ އަޅަންޖެހޭ ކުދިންގެ ދަފްތަރުގައި 844 ކުއްޖަކު ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެ ތެރެއިން 621 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ ދެ ކުންދިންގެ ނިސްބަތުން ކުދިން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަހަރުގެ މިހާތަނަށް 8 ކުއްޖަކު މުޅިން އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ.
ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާޢިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ބޭސް ބޭނުން ކުރުމެވެ. ތެލެސީމިއާ ކުދިންނަށް ރާއްޖޭގައި ދޭ ފަރުވާއަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ތެލެސީމިއާ ބައްޔަށް ދޭ ފަރުވާއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ، ލޭ އަޅާ 18 އަހަރުން މަތީގެ ތެލެސީމީއާ ކުއްޖަކަށް މަހެއްގެ މައްޗަށް ސަރުކާރުން 12،000 ރުފިޔާ ޚަރަދުކުރައްވައެވެ. ތެލެސީމިއާ ކުދިންގެ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދެއްވަނީ މުޅިން ހިލެއެވެ. އޭގެ ތެރޭގައި އެކުދިންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
ރާއްޖޭގައި ތެލެސީމީއާ ބަލި ކޮންޓްރޯލް ކުރެއްވުމުގެ ގޮތުން 2012 ވަނަ އަހަރު ވަނީ ތެލެސިމީއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނެއް ހައްދަވައި އެއަށް ޢަމަލުކުރަން ފަށްޓަވާފައެވެ. ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި، ދިވެހި ކޮންމެ ދަރިޔަކު އުމުރުން 18 އަހަރުވުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކޮށް ނަތީޖާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ޕީއެސްއެމްއަށް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މޯލްޑިވްސް ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކްސް ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ، ޒަވާޖީއެއް ޙަޔާތެއް ފެށުމުގެ ކުރިން ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، ތެލެސީމިއާއަށް ޓެސްޓުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި، މިކަމުގައި ބެލެނިވެރިންގެ ޒިންމާ ބޮޑު ކަމަށެވެ.
ތެލެސީމިއާ ކުދިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ލޭ ހަދިޔާކުރާނެ މީހުން ނުލިބުމުގެ މައްސަލަ ކަމަށާއި ޚާއްޞަކޮށް އަތޮޅުތަކުގައި ތިބި ތެލެސީމިއާ ލޭ އަޅާ ކުދިންނަށް ލޭ ހޯދުމުގައި އެކުދިންގެ ބެލެނިވެރިން ވަރަށް ބޮޑު ތަކްލީފެއް އުފުއްލަވަން ޖެހޭކަމަށް ޑރ. ޢުމަރު ފާހަގަކުރެއްވިއެވެ.
ތެލެސީމީއާ ކުދިންގެ ފަރުވާއަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކުދިންގެ ފަރުވާގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ބޭސް ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރެއްވުމުގެ ގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށުން އެ އަތޮޅެއްގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބެނޭ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މި އިންތިޒާމު މިއަހަރު ނިމުމުގެ ކުރިން ހަމަޖެހިގެން ދާނެކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވެއެވެ. އަތޮޅުތެރޭގައި ހުރި 80 ސެންޓަރަކުން ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވައެވެ. އަދި 5 ހޮސްޕިޓަލެއްގައި ލޭ ރައްކާކުރެވޭނެ ނިޒާމް ވަނީ ޤާއިމްކުރައްވާފައެވެ. މީގެ އިތުރަށް ތެލެސީމިއާއަށް ސްކްރީންކުރުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަނީ ޤާއިމްކުރައްވާފައެވެ.
ޑރ. ޢުމަރު ވިދާޅުވީ، ތެލެސީމިއާ ކުދިން ޤަވާއިދުން ބޭސްބޭނުން ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. ތެލެސީމިއާ ބަލީގެ ކުދިންނަށް އޮތް ދާއިމީ ފަރުވާއަކީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ޒަކާތު ފަންޑުގެ ޚަރަދުގައި މިދިޔަ އަހަރު 19 ކުއްޖަކު ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވެއެވެ. އޭގެތެރެއިން 13 ކުއްޖަކު ވަނީ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާ ކާމިޔާބުވެފައެވެ.