ޚަބަރު

ޗައިނާއިން ރާއްޖެއަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން


  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމު

  • އެޤައުމުން ރާއްޖެއަށް 92،773 ފަތުރުވެރިންވަނީ އައިސްފައި

  • ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އެޤައުމުން ރާއްޖެއަށްވަނީ 187118 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި 2022 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 27ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާއިރު، ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 11.1 އިންސައްތައެވެ.

މިހާރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

• ޗައިނާ: 92،773 ފަތުރުވެރިން
• ރަޝިއާ: 84،162 ފަތުރުވެރިން
• އިނގިރޭސިވިލާތް: 79،721 ފަތުރުވެރިން
• އިޓަލީވިލާތް: 73،272 ފަތުރުވެރިން
• ޖަރުމަނުވިލާތް: 65،563 ފަތުރުވެރިން

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 833،728 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 747،218 ފަތުރުވެރިންނާއި އަޅާ ބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4363 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން މި އަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކައި ގުޅިގެން ރާއްޖެ ޕްރޮމޯޓުކޮށް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރާވާފައެވެ.