ޚަބަރު

ޤުރުއާނުގެ ޢިލްމު އުނގެނުމާއި އޭގެ ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއް: އާދަމް ޝަރީފް


  • ޤުރުއާނުގެ ޢިލްމު އުނގެނުމަކީ ކޮންމެ މީހަކުވެސް އިސްކަން ދޭން ޖެހޭނެކަމެއް

  • މިފަދަ މުބާރަތްތަކުގެ ސަބަބުން ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރުވޭ

ކޮންމެ މީހަކީވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާންޖެހޭނެ މީހެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމްއިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގައި ހުޅުވާލެވިގެން ޕީ.އެސް.އެމްއިން މި ބާއްވާ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ޤުރުއާން ކިޔެވުމުގެ ރޫހާއި، ޝައުގުވެރިން އުފެއްދުމަށް މުޅި ރާއްޖެއަށް ހުޅުވާލެވިފައި އޮތް ވަރަށް ރަނގަޅު ވަރަށް ފަހި ފުރުޞަތެއްކަމަށެވެ.

މިފަދަ ފުރުޞަތުތަކުގެ ބޭނުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ރައްޔިތުން ހިފަމުންދާކަމީ ލިބިގެންދާ ވަރަށް ބޮޑު އުންމީދަކާއި ހިތްހަމަޖެހުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަކަކީ ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުވެގެން ދާނެކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ކޮންމެ މީހަކުވެސް ޤުރުއާން ކިޔެވުމާއި އޭގެ ހުނަރު ތަރައްޤީކުރުމާއި ޤުރުއާނުގެ ޢިލްމު އުނގެނުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދިޔުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވާއިރު ޤުރުއާނަށް ޝައުގުވެރިކަން ހުންނަ ތުއްތު ކުދިންނާއި ޤުރުއާން ކިޔަވައިދެއްވަން ޝައުޤުވެރިކަން ހުންނަ ބެލެނިވެރިން އަދި މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު 700 އަށް ވުރެއް ގިނަ ކުދިން މިފަދަ މުބާރާތެއްގައި ބައިވެރިވުމަކީ އަޅުގަނޑު ޤަބޫލް ކުރާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެއް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީއެސްއެމްއިން ޙުޅުވައިމިދެނީ ރާއްޖޭގައި ޤުރުއާނުގެ އިލްމު އުނގެނުމަށް ހިއްވަރުދިނުމާއި ޤުރުއާން ކިޔެވުމަށް ޝައުގިވެރިކަން އުފެއްދުމާއި މި ފަންނުގައި ކުރިއަތް ދިޔުމަށް ބޭނުންވާ ކޮންމެ ކުއްޖަކަށް ބިންގާ އަޅާދިނުމަށް ފަހިކޮށްދޭ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޤުރުއާނުން އިލްމު އުނގެނުމާއި ޤުރުއާނުގެ ހުނަރު އިތުރަށް ދަސްކުރުމަކީ އިސްލާމީ އުންމަތަށާއި ދިވެހިރާއްޖެއަށް ވަރަށް ބޭނުންވެފައިވާކަމެއްކަމަށެވެ.