ޚަބަރު

އިންތިހާބުތައް ކުރިއަށްދާ ގޮތާއިމެދު ރައްޔިތުންގެ އިތުބާރު މިހާރު ވަރަށް ބޮޑު: އިލެކްޝަންސް


  • އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް ކާމިޔާބުކަމާއިއެކުކަން ފާހަގަކުރޭ

  • ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނުލިބޭ

  • ބޭރުގެ އޮބްޒާވަރުންވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ތައުރީފްކޮށްފައި

ރާއްޖޭގައި އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އިއުލާންކޮށްފައިވާއިރު މިއީ މާބޮޑު މައްސަލަތަކެއް ކުރިމަތިނުވެ، އަމާންކަމާއެކު ކުރިއަށްދިޔަ އިންތިހާބެއްކަން ފާހަގަކޮށްލެެވެއެވެ. އަދި އިންތިހާބުގެ ކަންކަން ފުރިހަމަ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާތީ ގިނަ ބަޔަކު އިލެކްޝަންސް ކޮމިޝަނަށްވެސް ދަނީ ތައުރީފުކުރަމުންނެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. މިއީ އޭގެކުރިން ބޭއްވި އިންތިހާބުގައި އޮތް 87 ދާއިރާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ވަކި ތާރީހެއް ކަނޑައަޅައިގެން އެ މަސައްކަތް ކުރަމުންދަނިކޮށް، އިންތިހާބު ބާއްވާ ތާރީހު ބަދަލުވުމުން އިލެކްޝަންސް ކޮމިޝަނަށް ދަތި އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ޤާނޫނުން ލާޒިމްކޮށްފައިވާ އެންމެހައި ކަންކަން ކާމިޔާބުކަމާއެކު ފުރިހަމަކުރެވުނީ އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، މި އިންތިހާބަކީ މިނިވަންކަމާއިއެކު ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ދެވިގެންދިޔަ އިންތިހާބެއްކަމުގެ ޔަޤީންކަން އެ ކޮމިޝަނަށް އެބައޮތްކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ، އެހެން އިންތިހާބުގެ ތަޖުރިބާގެ އަލީގައި މި ފަހަރުގެ އިންތިހާބުގެ ކަންކަން ރަނގަޅުކުރުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކޮށްފައިވަނީ ވޯޓުލުމަށް ކިޔުގައި ތިބެންޖެހޭ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ވޯޓު ފޮއްޓަކަށް ވޯޓު ލެވޭ މީހުންގެ އަދަދު 500 އަށް މަދުކުރުމެވެ. މީގެ ސަބަބުން ވޯޓުލާން އަންނަ މީހުންނަށް ފަސޭހަވެ، ކިޔުގައި މަޑުކުރަން ޖެހޭ ވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލާން ދާންޖެހޭ ތަނާއި ފޮށީގެ މައުލޫމާތު ދުރާލާ އާންމު ރައްޔިތުންނަށް ފޯރުކޮށްދެވުމުގެ ސަބަބުންވެސް އިންތިހާބުގެ ކަންކަން އިންތިޒާމްކުރުމަށް ފަސޭހަވިކަމަށެވެ. އަދި އެކަމުގެ ތައުރީފު އާންމު ރައްޔިތުންގެ ފަރާތުން އެ ކޮމިޝަނަށް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އާންމު ރައްޔިތުންގެ މެދުގައި އޮންނަ ޔަޤީންކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.

"އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވެނީ ޕްރޮސެސްއަށް ރައްޔިތުންގެ އޮންނަ އިތުބާރު. އިލެކްޝަންސް ކޮމިޝަންގެ އިންތިޒާމްތަކާއި އިންތިހާބު ރޭވިފައި އޮންނަ ގޮތައް ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް މިހާރު އެއޮތީ. އަޅުގަނޑުމެން ކައިރީގައިވެސް ވަރަށް ގިނަ ބަޔަކު އެބަބުނޭ ތިމަންނަ މެންނަށް %100 ޔަޤީނޭ ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށާގޮތައް ނިމެންދެން އެއްވެސް މީހަކަށް މިހާރު އޮޅުވާ ނުލެވޭނެކަމަށް. އެންމެންގެ ކުރިމަތީގައި ސައްހަ ސާފު ނަތީޖާއެއް ނެރެދޭކަން." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ވޯޓުލާ މަރުކަޒުތަކުގައި އުމުރުންދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލުމަށްޓަކައި ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި ވީލް ޗެއަރ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލާ މަރުކަޒުތަކަށް ވަދެ ނިކުމެ ހެދޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަންވެސް ފާހަގަވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާތަނަށް އައިއިރު އިންތިހާބީ އެއްވެސް ދާއިރާއެއްގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނުލިބޭކަމަށެވެ. އަދި ރައްޔިތުންގެ މެދުގައިވެސް ހިތްހަމަނުޖެހުމެއް ނުވަތަ ނުތަނަވަސްކަމެއް ނެތްކަންވެސް ކޮމިޝަނުން ފާހަގަކުރައްވައެވެ.

މި އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާތީ ރާއްޖެއިން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ތައުރީފުކޮށްފައެވެ.