ޚަބަރު

އެމްއެންޑީއެފުން ޢާއިލީ ހަވީރެއް ބާއްވައިފި


ސިފައިންގެ 124 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރެއިން އެމް.އެން.ޑީ.އެފްގެ ޢާއިލީ ހަވީރު ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަވައިފިއެވެ. ސިފައިންގެ ޢާއިލާތަކުގެ އިތުރުން އާންމުންނަށް ހުޅުވާލައްވައިގެން ކުރިއަށްގެންދެވި މިހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ސިފައިގެން ޢާއިލީ ހަވީރެއް ކޮންމެ އަހަރަކު އެމް.އެން.ޑީ.އެފުން އިންތިޒާމް ކުރައްވައިގެން ކުރިއަށްގެންދަވައެވެ. މިއަހަރުގެ ސިފައިންގެ ޢާއިލީ ހަވީރު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ ހަވީރެއް ބޭއްވެވުމުގެ މަޤްޞަދަކީ ކުޑަކުދިންނާއި، ޢާއިލާތަކަށް ހިތްފަސޭހަ މަޖާ މާހައެލްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދެއްވުންކަމަށެވެ. އެމް.އެން.ޑީ.އެފް ޢާއިލީ ހަވީރު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ. މިހަވީރު ހުޅުއްވައިދެއްވުމަށްފަހު އެކަމަނާ ވަނީ މިހަވީރުގެ ކުޅިވަރުތައް ބައްލަވާލައްވާފައެވެ.ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުން ބައިވެރިވި މި ހަވީރުގައި ކުޑަކުދިން ގަޔާވާ ގިނަ ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެތެރޭގައި އުސްތަންތަނަށް އެރުމާއި، ފުންމުމާއި، އަމާޒަށް ބަޑިޖެހުން ފަދަ ކުޅިވަރުތައް ހިމެނެއެވެ. އަދި ސިފައިންގެ އެކި ޔުނީފޯމްތައް ދައްކާލުމާއި، ޔުނީފޯމުގައި ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވެއެވެ. މީގެ އިތުރުން ސިފައިން ބޭނުންކުރާ އެކި އުޅަންދުތަކަށް އަރާ ފޮޓޯނެގުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

img:http://s1.psmnews.mv/images/660x400/14619452684046.jpg|އެމްއެންޑީއެފުން ބޭއްވި ޢާއިލީ ހަވީރުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އެންމެ ޚާއްޞަކަމެއްގެ ގޮތުން އެމް.އެން.ޑީ.އެފްގެ ހެލިކޮޕްޓަރގެ ހަރަކާތްތަކެއްވެސް ވަނީ ޢިއްޒުއްދީން ފާލަމުން ބޭރު ސަރަހައްދުގައި ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑް އުޅަނދުތަކަށް އަރައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތުވެސް ކުޑަކުދިންނަށް ދީފައިވެއެވެ.

މިހަވީރުގައި ބައިވެރިވި ކުޑަކުދިންނާ ޕީ.އެސް.އެމުން ވާހަކަދައްކާލުމުން ބުނީ މި ހަވީރުގެ ކުޅިވަރުތައް ވަރަށް މަޖާކަމަށެވެ. އަދި މިފަދަ ތަންތަނުގައި އެހެން ކުދިންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމުން އުފާވާކަމަށެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ކުރިއަށްގެންދަވާ ހަރަކާތްތައް އަންނަ އާދީއްތަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ. އަދި ކުޑަކުދިންގެ ހަވީރު މާދަމާ ހަވީރުވެސް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ.