ރައްޔިތުންނަށްޓަކާ ވީ ވަޢުދުތައް ހަޤީޤަތަކަށް ހައްދަވައި، ނަތީޖާ ނެރެން ބޭނުންވާކަމަށާއި، އެކަމަށްޓަކާ އެއްވެސް ވަގުތެއް ބޭކާރު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ރާއްޖޭގެ ވެރިކަމަށް އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންނަށްޓަކާ މުހިންމު ސިޔާސަތުތަކަކާއި ތަރައްޤީގެ ތަޞައްވުރަކާއެކުކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއް ހުރީ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ކަންކަމުގައި ނަތީޖާ ނެރުމަށްކަމަށެވެ. އަދި އެކަންކުރުމަށް އެންމެ ބޮޑަށް މަގުފަހިކުރެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިންކަމުން، ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން މަޖިލީހުގައި ތިއްބެވުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދީ، ނަތީޖާ ނެރުމަށް އެހީތެރިކަންދެއްވާނެ ބޭފުޅުން މަޖިލީހަށް ހޮވުމަކީ ވަރަށް މުހިންމުކަމެއް. އެންމެ އަހަރެއް ދެއަހަރެއްވިޔަސް، އެންމެ ދުވަހެއްވިޔަސް ބޭކާރުކޮށްލުމަކީ ބުއްދިވެރިގޮތެއްނޫން މި ނަތީޖާ ނެރުމުގައި. އަޅުގަނޑު ބޭނުންވަނީ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ކަންކަމުގައި އަޅުގަނޑުމެންގެ ފަރާތުން ކާބިޔާބީތައް ރައްޔިތުންނަށް ވާޞިލުކޮށްދޭން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު މަސައްކަތްތަކަކާއި ނިންމުންތަކެއް ނިންމަންޖެހޭ ތަނެއްކަމަށެވެ. އެގޮތުން ޤާނޫނުތައް ހެދުމާއި، އިސްލާޙުކުރުމާއި ބަޖެޓް ފާސްކުރުންފަދަ ކަންކަމަކީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ނަތީޖާ ނެރުމަށް މުހިންމު ކަންތައްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ތަރައްޤީއޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، އެ ތަރައްޤީ ގެނައުމުގައި ރައްޔިތުން އެދޭގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވާކަމަށެވެ. އަދި ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން ޖަހާ ފާހަގައަކީ މި ޤައުމަށް ހަމަޖެހުމާއި ތަރައްޤީއާއި ރައްކާތެރިކަން ގެނައުމަށް ޖަހާ ފާހަގައަކަށް ހެއްދެވުމަށް އެމަނިކުފާނު ގޮވާލެއްވެވިއެވެ.