ޒަމްޒަމްފެނަކީ މި ބިންމަތީގައިވާ އެންމެ ބަރަކާތްތެރި ފެނެވެ. މި ފެނަކީ އިންސާނާގެ ހައްޓަށާއި މަޢްނަވިއްޔަތަށް އެންމެ މަންފާކުރަނިވި ފެނެވެ.
ޒަމްޒަމްފެންވަޅުގެ ތާރީޚު ފެށެނީ އިސްމާޢީލް عليه السلام އާއި ހަމައިންނެވެ. މި މާތް ފެނަކީ އިސްމާޢީލް عليه السلام ގެ ކަރު ހިއްކުން ފިލުވައިދިނުމަށްޓަކައި މި ބިންމަތީގައިވާ އެންމެ މާތް ބިމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ނެރެދެއްވި ބަރަކާތްތެރި ފެނެވެ.
ޒަމްޒަމް ފެނަކީ މާތްވެގެންވާ ފެނެކެވެ. ބަރަކާތްތެރިވެގެންވާ ފެނެކެވެ. އަދި އެއީ ހައިކަން ފިލުވައިދޭ ރަނގަޅު ކާނާއެކެވެ. ނަބިއްޔާ صلى الله عليه وسلم ޒަމްޒަމް ފެނާއި ބެހޭގޮތުން ހަދީޘް ކުރައްވާފައިވަނީ ޒަމްޒަމް ފެނަކީ އެއީ އެ ބުއިކަމަކަށް ފުދިގެންވާ ފެނެއްކަމަށެވެ.
ޒަމްޒަމް ފެނާއި ބެހޭގޮތުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، ޒަމްޒަމް ފެނަކީ ކަރުހިއްކުން ފިލުވައިދޭ މީރު ފެނެއްކަމަށެވެ. އަދި މިއީ ބަލިތަކަށްވާ ޝިފާއެއްކަމަށެވެ.
"ޒަމްޒަމް ފެނަކީ ކަރުހިއްކުން ފިލުވައިދޭ މީރު ފެނެއް. ބަލިތަކަށްވާ ފަރުވާއެއް. ކާކެއުމަކަށްވެސް ފުދިގެންވާ ފެނެއް. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވަނީ ޒަމްޒަމް ފެނަކީ އެއީ ކާކެއުމެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ފެނެކޭ. އަދި ހަމައެހެންމެ ބަލިތަކަށްވާ ފަރުވާއެކޭ." ޝައިހް ވިދާޅުވިއެވެ.
ޒަމްޒަމް ފެނަކީ މުއުޖިޒާތެކެވެ. ކިތަންމެ ގިނައިން ފެން ނެގި ކަމުގައިވިޔަސް އެ ވަޅުން ފެން ހުހެއް ނުވެއެވެ. ތިބާގެ ޙާޖަތްތައް ފަހިވުން އަދައިގެން ގިނަގިނައިން ޒަމްޒަމްފެން ބޯށެވެ.
ޒަމްޒަމްފެން ބޯއިރު ޚާއްޞަ ދުޢާއެއްކުރަން އޮތްކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާކަން އެނގޭކަށް ނެތެވެ. ނަމަވެސް ޒަމްޒަމް ފެން ބޯއިރު ކުރުމަށް އިބްނު ޢައްބާސް رضي الله عنهما، އިރުޝާދުދެއްވާފައިވާ ދުޢާއެއްވެއެވެ. އެ ދުއާއަކީ:
((…اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا وَاسِعًا ، وشفاءً مِنْ كُلِّ دَاءٍ…)) [رواه الفاكهي في أخبار مكة رقم: ١١۰٧، وحسنه د.عبدالملك دهيش في تحقيقه للكتاب / طبعة: دار خضر]
މާނައީ: “އޭﷲ! ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް މިއަޅާ އެދެމެވެ. އަދި ތަނަވަސް ރިޒްޤަށެވެ. އަދި ކޮންމެ ބައްޔަކުން ޝިފާދެއްވުމަށެވެ"