މިރެއިން ފެށިގެން ކުރިޔަށް މި އޮތް 3 ދުވަހު މާލެ އާއި މާލެ ހިމެނޭ ސަރަޙައްދުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ހަމަޖައްސައިފިއެވެ.
މިރެއިން ފެށިގެން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ އާއި ވިލި މާލެ ހިމެނޭގޮތުން ކަނޑައެޅޭ ސަރަޙައްދުތައް ބަލައި ފާސްކޮށް އުޅަނދުތައް ބަލައި ފާސްކުރަމުން ގެންދާނެ ކަމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.
އިސްމާޢީލް ނަވީން ވިދާޅުވީ މާލެ އާއި މާލެ ހިމެނޭ ސަރަޙައްދުގައި ފުލުހުން ހިނގާ މި ޚާއްްޞަ އޮޕަރޭޝަނަކީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ކުށުގެ މާޙައުލު ނައްތާލަން ކުރާ މަސައްކަތް ދެމެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ އޮޕަރޭޝަނެއް ކަމަށެވެ. މިއާއެކު ހަފްތާ ބަންދުގައި ރައްޔިތުން އަމާން ކަމާއި ރައްކާތެރި ކަމުގައި އެއްތަނުން އަނެއްތަނަށް ޒިޔާރަތްކޮށް ދޭދޭ ގުޅުންތައް ދަމަހައްޓައި އިޖުތިމާޢީ ރޫޙު އިތުރު ކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ އެހީތެރިކަން އިތުރު ކުރުމަކީވެސް މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުމެއް ކަމުގައި އޭސީޕީ ނަވީން ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކުރިޔަށް ދާއިރު، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރުމުގެ އިތުރުން އެކި ސަރަޙައްދުތަކުގައި ވީސީޕީ ޖަހައި އުޅަނދުތައް ބަލައި ފާސްކޮށް ހަދާނެއެވެ. މީގެ އިތުރުންވެސް ބޭނުމެއްނެތި ރޭގަނޑުގެ ވަގުތުތަކުގައި މަގުމަތީ އުޅޭ މީހުން ހުއްޓުވައި ސުވާލުކޮށް ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުންވެސް ކުރިޔަށް ގެންދާނެ އެވެ.