ޚަބަރު

އައްޑޫ އައްސޭރި ޓޫރިޒަމްގެ 6000 އެނދު ތަރައްޤީކުރަން ދާދި އަވަހަށް ފެށޭނެ: ރައީސް


  • އައްޑޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަނީ ގުޅިލާމެހިގެންދާ ގޮތަށް

  • އައްޑޫ ބްރިޖްގެ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން ދެއްވި

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ތައާރަފްކޮށްފައިވާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން"ގެ ދަށުން ތަރައްޤީކުރާ 6000 އެނދުގެ މަޝްރޫއު ދާދި އަވަހަށް ފެށުމަށް ތައްޔާރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވައިފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގެ ދަށުން އެކުލަވާލާފައިވާ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން"ގައި ކުރިއަށް އޮތް 5 އަހަރު އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ. އަދި މި ޕްލޭން ތައާރަފްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެތެރޭގައެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ބްރިޖް މަޝްރޫޢުގެ އިތުރުން ޓޫރިޒަމް އެނދުތައް ތަރައްޤީކުރުމާއި އެއަރޕޯޓް މަޝްރޫޢާއެކު ސީޕްލޭން ހަބުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާނީ ގުޅިލާމެހިގެން ކަމަށެވެ.

"އައްސޭރި ޓޫރިޒަމްގެ 6000 ބެޑުގެ މަޝްރޫޢޫވެސް ދާދި އަވަހަށް ފެށުމަށް މިހާރުމިވަނީ ތައްޔާރުވެފަ. ދައްކާ ވާހަކައެއްގެ ބަދަލުގައި އެމަޝްރޫޢުވެސް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އިތުރު ޙަރުފަތްތަކަށް ތަރައްޤީކުރުމަށް އަމަލީގޮތުން މަސައްކަތްކުރާނެ. ސީޕްލޭން ހަބްގެ މަސައްކަތްވެސް ހިމެނޭގޮތަށް ގުޅިލާމެހިގެން އައްޑޫތައްޤީކުރަން މަސައްކަތް މިކުރަނީ" ރައީސް ވިދާޅުވިއެވެ.

އައްޑޫއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ހަނދާންނުނެތޭކަން ފާހަގަކުރައްވައި ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެކަމުގެ ޔަޤީންކަން ރައީސްވަނީ ދެއްވާފައެވެ.

އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި ތައާރަފްކުރި "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވަލޮޕްމެންޓް ޕްލޭން"ގައި ކުރިއަށް އޮތް 5 އަހަރު އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާސިލު ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.

އެ ޕްލޭންގެ ދަށުން އައްޑޫ ސިޓީގައި 6000 އެނދު ތަރައްގީ ކުރަން ތައްޔާރުވެފައިވާއިރު، މިއާއެކު އެ ސިޓީގައި 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފަތުރުވެރިކަމުގެ އިތުރުން އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާ ކުރެވޭނެ ކަންކަން ވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.

އެގޮތުން އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި، ވެލްނެސް ޒޯނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ވަނީ ހިމަނާފައެވެ. އަދި އައްޑޫގައި ހޮސްޕިޓާލިޓީ ސްކޫލެއް ހެދުމަށްވެސް ވަނީ ޕްލޭންކޮށްފައެވެ. މި ޕްލޭންގައި ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމާފައެވެ.