ޚަބަރު

ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ދިނުމަށް 3 ފަރާތަކާއެކު އެމްޕީއެލްއިން ސޮއިކޮށްފި


  • ސޮއިކޮށްފައިވަނީ އެމްއޭސީއެލް، އެމް.އެސް.އެސް އަދި ޓާކިޝް އެެއަރލައިނާއެކު

  • މިއީ ކަނޑާއި ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުން

  • މިޚިދުމަތަކީ ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށް އެމްޕީއެލްއިން ބުނޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ތަޢާރަފުކުރާ "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ދިނުމަށް 3 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި ޚިދުމަތް ފެށުމަށް އެމް.ޕީ.އެލްއިން ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) އަދި ޓާކިޝް އެއަރލައިންސްއާއެކުގައެވެ. މި ފަރާތްތަކާއެކު އެމް.ޕީ.އެލްއިން ސޮއިކޮށްފައިވަނީ އެކަމަށްޓަކާ މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެމް.ޕީ.އެލްއިން އަލަށް ފަށާ "ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތުގައި ޓާކިޝް އެއަރލައިންސްއާއެކު ސޮއިކޮށްފައިވަނީ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. މިކަމުގެ އެއްބަސްވުމުގައި ޓާކިޝް އެއަރލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއަރލައިން އިން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އަލީ ޠާރިޤެވެ.

އެމް.އެސް.އެސްއާއެކު އެމް.ޕީ.އެލްއިން އެއްބަސްވުން އެކުލަވާލާފައިވަނީ މި ޚިދުމަތުގެ ކެރިއަރ ޕާޓްނަރެއްގެ ގޮތުގައެވެ. މި އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

އެމް.އޭ.ސީއެލްއާއެކު އެއްބަސްވުން އެކުލަވާލީ "ސީ-ޓު-އެއަރ" ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. މި އެއްބަސްވުމުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން އެކުންފުންޏާވެސް މުހިންމު ކަންތައްތަކެއް ޙަވާލުކުރައްވާފައިވާކަމަށެވެ.

އެގޮތުން އަލަށް ފަށާ މި ޚިދުމަތް ވެގެންދާނީ އެކުންފުނީގެ އިތުރުން މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ޚިދުމަތަކަށްކަމަށް ވަޖީހް ވިދާޅުވިއެވެ.

"އެމް.ޕީ.އެލްގެ އާމްދަނީ އިތުރުވެ، ޚިދުމަތް ފުޅާވުމުގެ އިތުރުން މިއީ ރާއްޖޭގެ އިޤްތިސާދަށްވެސް ކުރިއެރުން ލިބޭ ޚިދުމަތެއް. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެމް.ޕީ.އެލްއަށް ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައި. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް." އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް އޮކުޗް ވިދާޅުވީ، އެ އެއާލައިންގެ އަމާޒަކީ އެމް.ޕީ.އެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓަރ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތަށް ރާއްޖެ ބޭނުންކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ މި ޙިދުމަތުގެ ހަބަކަށް ހެދުން." ޓާކިޝް އެއަރލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރ ބިލާލް ވިދާޅުވިއެވެ.

"ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލްއިން ސޮއިކުރި އެމް.އޭ.ސީ.އެލް އަދި އެމް.އެސް.އެސްގެ ފަރާތުންވެސް މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކާގޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގައި އެމް.ޕީ.އެލްއާއެކު ބައިވެރިވެވޭތީ އުފާކުރާކަން ފާހަގަކޮށް، މި ޚިދުމަތާއެކު މި ދާއިރާއިން ބަދަލުތަކެއް ފެންނަން ބޭނުންވާކަން ހާމަކޮށްފައެވެ.

އެމް.ޕީ.އެލް އިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފަށާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މި ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެންދާނެކަން އެމް.ޕީ.އެލްއިން ފާހަގަކުރެއެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނީ އެމް.ޕީ.އެލްއާއި އެމް.އޭ.ސީ.އެލް އަދި ބައިނަލްއަޤްވާމީ އެއަރލައިންތަކާ ގުޅިގެންނެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާއަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުންކަން އެމް.ޕީ.އެލްއިން ވަނީ ފާހަގަކޮށްފައެވެ.