ސައޫދީ އަރަބިއާގެ ގަދަ ޓީމުގެ މެދުގައި ކުޅޭ ސައޫދީ ސުޕަކަޕް މި އަހަރު ކުވޭތުގައި ކުޅެން ހަމަޖައްސައިފި އެވެ.
މިކަމާ ބެހޭ ގޮތުން ސައޫދީ އަރަބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ހޯމަ ދުވަހު ބުނީ ހަތަރު ޓީމު ވާދަ ކުރާ ތިން މެޗުގެ ކުރު މި މުބާރާތް ކުޅޭނީ ކުވޭތުގެ ޖަބްރް އަލް އަހްމަދު އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކަމަށެވެ. އެއީ އަންނަ ޑިސެމްބަރު މަހުގެ 19 އިން 23 އަށެވެ. މި މުބާރާތުގައި މި އަހަރު ކުޅޭނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އައް ނަސްރާއި ސައޫދީގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އަލް އަހްލީ އާއި އަލް ގަދްސިއާ އަދި އަލް ޚޮލޫދެވެ.
މުބާރާތް ފަށާނީ ވެސް ސެމީ ފައިނަލުންނެވެ. މި ހަތަރު ޓީމު ސެމީ ފައިނަލްގައި ވާދަ ކުރާ ގޮތުގެ ގުރު ނެގުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް ސައޫދީ ފެޑަރޭޝަނުން ބުނެ އެވެ. ނަމަވެސް ގުރު ނެގުން ބާއްވާނީ ކޮން ގައުމެއްގައި ކަމެއް ނުބުނެ އެވެ. ގިނަ މީޑިއާތަކުން ބުނަނީ ގުރު ނެގުން އޮންނާނީ ސައޫދީގައި ކަމަށެވެ.
ސައޫދީ އަރަބިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ބަދްރް އަލްރެޒީޒާ އަދި ކުވޭތު ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޝައިހް އަހްމަދު އަލް ޔޫސުފް އަލް ސަބާހް ވަނީ މި މުބާރާތް ކުޅުމުގެ އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފަ އެވެ.
"ކުވޭތުން މި މުބާރާތުން ބޭއްވުމަކީ ގަލްފުގެ ކުޅިވަރުގެ ކަންކަމަށް ލިބޭނެ އިތުރު ކުރިއެރުމެއް. އަދި މިއީ މުޅި ގަލްފަށް ވެސް ވަރަށް މުހިންމު އިވެންޓަކަށް ވާނެ. މިއީ ކުޅިވަރު މުޅި ގަލްފަށް ފަތުރައި މި ސަރަހައްދުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ،" ކުވޭތާއި ސައޫދީ އަރަބިއާގެ ގައުމީ ފުޓްބޯޅަ އިދާރާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައިވެ އެވެ.
ކުވޭތު ވެގެންދާނީ މި މުބާރާތް ބާއްވާ އަށް ވަނަ ސިޓީ އަށެވެ. މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ ސައޫދީ އަރަބިއާއިން މައްކާ އާއި ވެރިރަށް ރިޔާދް އާއި ޖިއްދާ އާއި އަބްހާ އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި އަބޫދާބީ އާއި ހޮންކޮންގަ އެވެ.
ހުސްވި އަހަރު ހޮންކޮންގައި މި މުބާރާތް ކާމިޔާބު ކުރީ އޭޝިޔާގެ ޗެމްޕިއަން އަލް ހިލާލް އެވެ. އެއީ ރޮނާލްޑޯގެ އައް ނަސްރު ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބަލި ކޮށްފަ އެވެ.