އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ނުދެވިހުރި ހުރިހާ ދާއިރާއަކަށް ރަމަޟާން މަސް ނިމުމުގެ ކުރިން އެމްޑީޕީގެ ލީޑާރޝިޕުން ދަތުރު ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓިގެ ކެމްޕެއިން ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ ވިދާޅުވީ، މިހާރު އެ ޕާޓީގެ ލީޑަރޝިޕަށް ނުދެވި އޮތީ ތިން ވަރަކަށް ދާއިރާއަށް ކަމަށެވެ. މި ދާއިރާތަކަށް ގޮސް ކެމްޕޭން ހަރަކާތްތަކުގައި ލީޑަރޝިޕްގެ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އީސާ ވިދާޅުވި ގޮތުގައި މި ހަރަކާތްތަކުގައި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއަރޕާސަން ފައްޔާޟު އިސްމާޢީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ކުރިއަށް އޮތްތަނުގައި ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށްދާނެ ކަމަށް ވެސް އީސާ ވިދާޅުވިއެވެ.
އެމްޑީޕީން މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ދާއިރާތަކުގެ ކެންޑިޑޭޓުންނާ ވަކިވަކިން ބައްދަލުކޮށް ކެމްޕެއިން ހަރަކާތްތައް ދާއިރާތަކުގައި ކުރިއަށްދާ ގޮތުގެ ތަފްސީލް ބެލުންކަމަށް ވެސް އީސާ ވިދާޅުވިއެވެ. އަދި އެ ކެންޑިޑޭޓުންނަށް ޕާޓީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 90 ދާއިރާއަކަށް ވާދަކުރެއެވެ.